މިއަހަރުގެ އަޟްހާ އީދު ނަމާދާ ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި އެމްޓީސީސީން ފޯރުކޮށްދެމުންދާ އާރްޓީއެލް ބަހުގެ ހިދުމަތްތަކަށާއި ފެރީގެ ހިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ، އީދު ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި އާރްޓީއެލް ބަހުގެ އާންމު ހިދުމަތްތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ޖަހާއިރު ކަމަށެވެ.
ނަމަވެސް، ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެއަރޕޯޓް ރޫޓުތަކުގެ ދަތުރުތައް ހެނދުނު ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އެގޮތުން މާލެއިން އެއަރޕޯޓަށް، ހުޅުމާލެ ފޭސް 1 އިން އެއަރޕޯޓަށް އަދި ހުޅުމާލެ ފޭސް 2 އިން އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ ތެރެއިން އީދު ނަމާދުގެ ކުރިން ދެ ދަތުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ދަތުރު ހެނދުނު 5:30 އިން 6:05 އަށް ކުރާއިރު، ދެވަނަ ދަތުރު އޮންނާނީ ހެނދުނު 6:00 އިން 6:35 އަށެވެ. މި ދަތުރުތަކަށްފަހު، އެއަރޕޯޓް ރޫޓުގެ ހިދުމަތްތައްވެސް މެދުކަނޑާލުމަށްފަހު އަލުން ފަށާނީ ހެނދުނު 8:00 ގައެވެ.
ބަހުގެ ހިދުމަތުގެ އިތުރުން، މާލެއާއި ވިލިމާލެއާ ދެމެދު ކުރާ ފެރީގެ ހިދުމަތަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެމްޓީސީސީން ބުނި ގޮތުގައި އީދު ނަމާދަށްޓަކައި ހެނދުނު 6:30 އިން ފެށިގެން 8:15 އާ ހަމައަށް ފެރީގެ ހިދުމަތް މެދުކަނޑާލެވޭނެއެވެ.
މި ބަދަލާ ގުޅިގެން އީދު ނަމާދުގެ ކުރިން ކުރާ އެންމެ ފަހު ފެރީ އޮންނާނީ ހެނދުނު 6:30 ގައެވެ. އަދި ނަމާދަށްފަހު އަލުން ފެރީގެ ހިދުމަތް ފަށާނީ ހެނދުނު 8:15 ގައެވެ.



