މިއަހަރުގެ އަޟްހާ އީދު ދުވަހާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތައް ދިނުމުގައި ބަދަލުތަކެއް ގެނެސްފިއެވެ.
އެމްޕީއެލް އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، 1447 ވަނަ އަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދު ދުވަހާ ގުޅިގެން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓާމިނަލުން ދެމުންގެންދާ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން 26 މެއި އަދި 27 މެއި މި ދެ ދުވަހު އެމްޕީއެލްގެ އޮޕަރޭޝަންތައް ބަންދުވާނެއެވެ.
މި ދެ ދުވަހުގެ ބަންދަށްފަހު، އެމްޕީއެލްގެ ހިދުމަތްތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ 28 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 07:30 ގައެވެ. މި ބަދަލާއެކު، މުދާ ކްލިއަރ ކުރުމާއި ބަނދަރުގެ އެހެނިހެން މަސައްކަތްތައް އެ ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން، އެމްޕީއެލް އިން ވަނީ ހައްޖު ދުވަހާއި އަޟްހާ އީދުގެ މުނާސަބަތުގައި އެންމެހާ ރައްޔިތުންނަށް އީދު ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުވާފައެވެ.



