ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަަބަތުގައި އަންނަ ޖޫން މަހު ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި އަފްޣާނިސްތާނާ ބައްދަލުކުރަން ޖެހިއްޖެއެވެ.
ޖޫން މަހުގެ 1 އިން 10 އަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އަފްޣާނިސްތާން އަދި ޕާކިސްތާނުން ވާދަކުރާނެއެވެ.
މި މުބާރާތުގެ ގުރުއަތުލުން ރޭ ޕީއެސްއެމް ސްޓޫޑިއޯގައި ބޭއްވިއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ޕާކިސްތާނާއި ބަންގްލަދޭޝްއެވެ. ރާއްޖެއާއި އަފްޣާނިސްތާން ބައްދަލުކުރާ ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ރޭގަނޑެވެ.
މުބާރާތުގެ ކުޅުން ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު، އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލުގައި ބައްދަލުކުރާ ގޮތަށެވެ.
މިއީ ވޭތުވެދިޔަ 9 އަހަރު ތެރޭގައި ރާއްޖެ އާއި އަފްޣާނިސްތާން ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެންމެފަހުން މި ދެ ގައުމު ބައްދަލުކޮށްފައިވަނީ 2017 ވަނަ އަހަރު ދުބާއީގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އަދި އަފްޣާނިސްތާން އެންމެ ފަހުން ރާއްޖޭގައި މެޗެއް ކުޅެފައިވަނީ 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕުގައެވެ.
މުބާރާތުގެ ދެވަނަ މެޗުތައް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކުޅޭއިރު، އެ ދުވަހުގެ ހަވީރު ރާއްޖެއިން ޕާކިސްތާނާ ދެކޮޅަށް ނުކުންނާނެއެވެ. އަދި އެރޭ އަފްޣާނިސްތާން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
ލީގު ބުރުގެ ފަހު މެޗުތައް އަންނަ މަހުގެ ހަތްވަނަ ދުވަހު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. އެ ދުވަހުގެ ހަވީރު އަފްޣާނިސްތާނާއި ޕާކިސްތާން ބައްދަލުކުރާއިރު، ރޭގަނޑުގެ މެޗުގައި ރާއްޖެއިން ބަންގްލަދޭޝްއާ ވާދަކުރާނެއެވެ.




