ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް މިއަދުވެސް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓުން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވެއެވެ.
މެޓުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ އިރު، މެދުރާއްޖޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
މެޓުން ބުނިގޮތުގައި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.
މެޓުން އިތުރަށް ބުނީ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށެވެ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވޭ އިރު، އެ ސަރަހައްދުގެ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައެވެ.
ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ އދ. މާމިގިއްޔަށެވެ. އެ ރަށަށް 36 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓުން މައުލޫމާތު ދެއެވެ.




