އިޓަލީގެ އުތުރު ސަރަހައްދުން އެބޯލާ ވައިރަހަށް ޝައްކުކުރެވޭ ދެ ކޭސްއެއް ފެނިއްޖެއެވެ.
މި ބައްޔަށް ޝައްކު ކުރެވިފައިވަނީ ޔުގެންޑާއިން އެނބުރި އައި އުމުރުން 31 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ އަންހެނެއްގެ ފަރާތުންނެވެ.
މި ދެމީހުންގެ ކިބައިންވެސް މި ނުރައްކާތެރި ވައިރަހުގެ އަލާމާތްތައް ކަމަށްވާ ގަދަޔަށް ހުން އައުމާއި، މޭނުބައިކުރުމާއި، ހޮޑުލުމުގެ އިތުރުން ގޮހޮރުގެ ބައެއް މައްސަލަތައް ވަނީ ފެނިފައެވެ. މި ދެ މީހުންނަކީ ޔޫގެންޑާގައި ތިން މަސް ދުވަހު އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅުމަށްފަހު އެނބުރި އިޓަލީއަށް ދިޔަ ދެ މީހުންނެވެ.
މި ދެ މީހުން މިހާރު ވަނީ ނުރައްކާތެރި ގައިންގަޔަށް އަރާ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ މަރުކަޒެއް ކަމަށްވާ މިލާންގެ ސަކޯ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފައެވެ.
ލޮމްބާޑީ ސަރަހައްދުގެ ވެލްފެއާ މިނިސްޓަރު ގުއިޑޯ ބާޓޮލާސޯ ވިދާޅުވި ގޮތުގައި، މި ދެ މީހުންނާއެކު ޖުމްލަ ހަތް މީހުން ޔޫގެންޑާއިން އެނބުރި އައިސްފައިވެއެވެ. އެހެންކަމުން އެ މީހުންގެ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. ޑޮކްޓަރުން ލަފާކުރާ ގޮތުގައި މިއީ އެބޯލާގެ ބަދަލުގައި ”ސެރެބްރަލް މެލޭރިއާ“ ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް، ޔޫގެންޑާ އަދި ކޮންގޯ ސަރަހައްދުގައި އެބޯލާ ފެތުރެމުންދާތީ، ސިއްހީ އިދާރާތަކުން ދަނީ މިކަމަށް ބޮޑު ސަމާލުކަމެއް ދެމުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ އިސްވެރިޔާ ޓެޑްރޯސް އެޑަނޮމް ގެބްރޭއޭސަސް ވަނީ ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާގެ މި ވަބާއަކީ ކޮންޓްރޯލް ކުރަން އުނދަގޫވެފައިވާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މި ބަލީގެ ވައްތަރެއް ކަމަށްވާ ”ބުންޑިބުގްޔޯ” އަކީ 30 އިން 50 އިންސައްތައާ ދެމެދުގެ މަރުގެ ރޭޓެއް އޮތް، އަދި މިހާތަނަށް ހާއްސަ ވެކްސިނެއް ނުވަތަ ބޭހެއް ހޯދިފައިނުވާ ނުރައްކާތެރި ވައިރަހެކެވެ.
މިދިޔަ މެއި މަހުން ފެށިގެން މިހާތަނަށް އެ ސަރަހައްދުން 1,000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާ ކަމަށް ޝައްކު ކުރެވިފައިވާއިރު، 220 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.
އޭގެ ތެރޭގައި ރެޑް ކްރޮސްގެ ތިން ވޮލަންޓިއަރުންވެސް ހިމެނެއެވެ.


