ރާއްޖެއިން މިއަހަރު ޙައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ޙާޖީން މިހާރު ތިބީ ޢަރަފާތުގެ ބިމުގައި ކަމަށާއި، ހުރިހާ ޙާޖީންގެ ހާލުވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ، މިނާ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކުރި ޙާޖީގެ ހާލުވެސް މިހާރު ރަނގަޅު ކަމަށާއި، ޙައްޖު ކޯޕަރޭޝަނުން އޭނާވެސް މިހާރު ޢަރަފާތަށް ގެންގޮސްފައިވާ ކަމަށެވެ.
ޙައްޖުވެރިން ޢަރަފާތަށް އައުމަށް މިނާއިން ދަތުރު ފެށީ ރާއްޖެ ގަޑިން ރޭ 11:00 ގައެވެ. ދިވެހި ޙާޖީން ޢަރަފާތު ބިމަށް ގެންދިއުމަށް ޖުމްލަ 22 ބަސް ބޭނުންކޮށްފައިވާއިރު، އެންމެ ފަހު ބަހުގެ ޙާޖީންނަށް ޢަރަފާތަށް ދެވުނީ ރާއްޖެ ގަޑިން މިއަދު ފަތިހު 05:00 ހާއިރުއެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި ޢަރަފާތުގައި ޙާޖީންނަށް ބޭނުންވާ ތިބުމާއި ކެއިންބުއިމުގެ ހުރިހާ އިންތިޒާމުތަކެއް ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސާފައެވެ.
ޙައްޖުގެ އެންމެ މާތް ރުކުން ކަމަށްވާ ޢަރަފާތު ދުވަހުގެ އަޅުކަންތައް މިއަދު ކުރިއަށްދާއިރު، މިއަދުގެ އިރު އޮއްސުމާ ހަމައަށް ޙާޖީން މަޑުކުރާނީ ޢަރަފާތުގެ މަޝާއިރުގައި ޙައްޖުގެ މަނާސިކުތަކުގައި މަޝްޢޫލުވެގެންނެވެ. ޢަރަފާތު ދުވަހުގެ އެންމެ މާތް ވަގުތަކީ މެންދުރު ނަމާދުގެ ވަގުތުން ފެށިގެން އިރުއޮއްސެންދެންނެވެ.
ޢަރަފާތުގައި ތިބޭ ދިވެހި ޙައްޖުވެރިންނަށް މިއަދު ދޭ ދިވެހި ޚުތުބާ ދެއްވާނީ މިއަހަރުގެ ޙައްޖުގެ އިސް ޝައިޚް، ޝައިޚް އިލްޔާސް ޙުސައިންއެވެ.
ޙައްޖުވެރިން ޢަރަފާތުގައި މަޑުކުރުމަށްފަހު، މުޒްދަލިފާއަށް ދިއުމަށް ދަތުރު ފަށާނީ މިރޭ އިރުއޮއްސުމުންނެވެ. އަދި މާދަމާ މިނާއަށް ގޮސް، ޖަމްރަތުލް އަޤަބާއަށް ހިލައުކުމާއި އެހެނިހެން ވާޖިބުތައް އަދާކުރުމުން ފުރަތަމަ ތަޙައްލުލުވެ، އިހުރާމް ކެނޑޭނެއެވެ.



