ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ އޮޓޮޕްސީ ހަދައި ނިންމައިފި އެވެ.
އިޓަލީގެ ވާރެސޭގެ ހޮސްޕިޓަލެއްގައި ކުރިއަށްދިޔަ މި ތަހުލީލުތަކުން މިހާތަނަށް އެއްވެސް އާދަޔާ ހިލާފު ކަމެއް ފާހަގަކުރެވިފައި ނުވި ނަމަވެސް، މަރުވި ސީދާ ސަބަބު އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
އިޓަލީގެ ކަމާބެހޭ އިދާރާތަކުން ބުނީ މަރުގެ ފަހުގެ ނިންމުން ނިންމާނީ ވިހަގަދަ މާއްދާއެއް ހަށިގަނޑުގައި ހުރިތޯ ބެލުމަށް ކުރެވޭ ޓޮކްސިކޮލޮޖިކަލް ތަހުލީލުތަކަށް ފަހުގައި ކަމަށެވެ. މި މަސައްކަތްތައް ވިލަރެސްކުރައްވަނީ ޕަވިއާ ޔުނިވާސިޓީގެ ފޮރެންސިކް ސައިންސްވެރިޔާ ލޫކާ ތަޖާނާ އެވެ.
މަރުވި މީހުންގެ ތެރެއިން ޖިއަންލޫކާ ބެނެޑެޓީ އަދި ފެޑެރިކޯ ގުއަލްޓިއޭރީގެ އޮޓޯޕްސީ ހޯމަ ދުވަހު ހަދާފައިވާއިރު، މޮނިކާ މޮންޓެފަލްކޯން، ޖިއޯޖިއާ ސޮމަކަލް އަދި މިއުރިއަލް އޮޑެނީނޯގެ އޮޓޮޕްސީ ހެދީ އިއްޔެ އެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ބުރަވާ ގޮތުގައި ޑައިވަރުން މަރުވާން ދިމާވި އެންމެ ބޮޑު ސަބަބަކީ ނޭވާ ހާސްވެ، ގެނބުމެވެ. މި ހާދިސާގެ ފޮރެންސިކް ރިޕޯޓް ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ހުށަހަޅާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، ހާދިސާ ހިނގި ވަގުތު ޑައިވަރުން ބޭނުންކުރި ގޯ-ޕްރޯ ކެމެރާތަކުގެ ފްޓޭޖްތައް ވެސް ދަނީ ދިރާސާ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ޔުނިވާސިޓީ އޮފް ޖެނޯއާ އާއި މަރުވި ޑައިވަރުންގެ އާއިލާތަކާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައެވެ. ޔުނިވާސިޓީން ބުނެފައިވަނީ މިއީ ރަސްމީ ދަތުރެއް ނޫން ކަމަށާއި ޑައިވަރުން ދިޔައީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ. ނަމަވެސް އާއިލާތަކުގެ ވަކީލުން މިކަން ދޮގުކުރެއެވެ.
މީގެ އިތުރުން، މަރުވި ޕްރޮފެސަރު މޮންޓެފަލްކޯންގެ މައުލޫމާތު ވެބްސައިޓުން އުނިކުރުމާ ގުޅިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޔުނިވާސިޓީން ބުނީ އެއީ އިދާރީ އުސޫލެއްގެ ދަށުން އޮޓޮމެޓިކުން ހިނގި ކަމެއް ކަމަށެވެ.




