ހުޅުމާލޭ ލަކުޑި ޖެޓީއަށް ބާޖެއް ގާތްކުރުމުގެ ތެރޭގައި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެ ސަރަހައްދު ބޭނުންކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ޖެޓީއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، މިވަގުތު އެ ޖެޓީ ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.
އެހެންކަމުން، ޖެޓީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހައި އެސެސްމަންޓްތައް ހަދައި، މަރާމާތުގެ މަސައްކަތް ނިމެންދެން ލަކުޑި ޖެޓީއަށް އެރުމާއި އެއްވެސް ބޭނުމަކަށް އެ ތަން ބޭނުންކުރުމަކީ މިއަދުން ފެށިގެން ވަގުތީގޮތުން މަނާކަމެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މަރާމާތުގެ މަސައްކަތް ނިމެންދެން އެއްވެސް ބޭނުމަކަށް ލަކުޑި ޖެޓީ ބޭނުން ނުކުރުމަށް އެޗްޑީސީން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ. އަދި މި ނިންމުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކޯޕަރޭޝަނުން ވަނީ މައާފަށް އެދިފައެވެ.
މީގެ އިތުރުން، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، އެޗްޑީސީން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.



