އެބޯލާއަށް ޝައްކު ކުރެވޭ ކޭސްއެއް އިންޑިއާގެ ބެންގަލޫރުން ފެނިއްޖެއެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ، ބެންގަލޫރަށް ދިޔަ ޔޫގަންޑާ އަންހެނެއްގެ ގައިން އެބޯލާއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން ކަރަންޓީނު ކޮށްފައިވާ ކަމަށެވެ.
އެ މީހާ އެ ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ، މިއީ 2014 ވަނަ އަހަރުގެ ފަހުން ދެކުނު އޭޝިއާގެ ގައުމަކުން ފެނުނު މި ބަލީގެ ފުރަތަމަ ކޭސްއަށް ވާނެއެވެ.
އިންޑިއާއިން އެބޯއަށް ޝައްކުކުރެވޭ ކޭސްއެއް ފެނިއްޖެކަމުގެ ޚަބަރު ފެންމަތިވެފައި މިވަނީ، އެ ޤައުމުގައި މި ބަލީގެ އެއްވެސް އަސަރެއް ނެތްކަމަށް ހެލްތު މިނިސްޓަރު ޖަގަތު ޕްރަކާޝް ނައްޑާ ބުނިތާ އެއްދުވަސް ފަހުންނެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި، އުމުރުން 28 އަހަރުގެ އެ އަންހެން މީހާގެ ގައިން މި ބަލީގެ އަލާމާތަކަށް ފެނިފައިވަނީ ހަމައެކަނި ގައިގައި ކުޑަކޮށް ރިއްސުމެވެ. އޭނަގެ ހާލު އިތުރަށް ގޯސްވެފައި ނުވާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.
އެ މީހާގެ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ.



