ލ. ގަމުގައި ރޭ ހިނގި ހާދިސާއެއްގައި ކަރަންޓުގައި ޖެހި އަނިޔާވި 14 އަހަރުގެ ފިރިހެން ކުއްޖަކު، އިތުރު ފަރުވާއަށް މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ގަމުގައި ކުއްޖަކު ކަރަންޓުގައި ޖެހިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ 11:00 ޖެހި ފަހުންނެވެ.
މި ހާދިސާ ހިނގުމާއެކު އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން އިތުރު ފަރުވާއަށް މިއަދު ހެނދުނު ވަނީ މާލެ ގެނެސްފައެވެ.
އައިޖީއެމްއެޗުން ބުނީ، ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި، މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އެ ރަށުގައި އީދު ކުޅިވަރު ބޭއްވުމަށް ތަނަކަށް ކަރަންޓު ދިނުމަށްޓަކައި މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ. ކަރަންޓު ޝޮކު ޖެހުމާއެކު އެ ކުއްޖާ ހޭނެތިގެން ވެއްޓުނު ކަމަށް މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



