ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ.
އިޔާސް މިހެން ވިދާޅުވީ ކުންފުނިތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅާ އެއްގޮތަށް ދެވަނަ ބޯޓު ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، ބޯޓު ލިބުން ލަސްވެފައިވަނީ ދުނިޔޭގެ ބާޒާރުގައި މިފަދަ ބޯޓުތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ކަމަށް އިޔާސް ފާހަގަކުރެއްވިއެވެ.
”މިކަމުގައި އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ މާކެޓުގައި މި ބޯޓަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރު އަޅުގަނޑުމެންނަށް މި މަސައްކަތް ކުރެވެމުންދަނީ. އެހެންކަމުން އެއަރކްރާފްޓު އެވޭލަބިލިޓީ ވަރަށް ބޮޑަށް ލިމިޓްކޮށް ހުރީ. ޚާއްސަކޮށް އަޅުގަނޑުމެން ޗޫޒްކުރި ވައިޑްބޮޑީ. އެހެންވީމަ ލަސްތަކެއް އައިސްފަ މިވަނީ،“ އިޔާސް ވިދާޅުވިއެވެ.
އިޔާސް އިތުރަށް ވިދާޅުވީ، އެއަރބަސް ކުންފުންޏާ ގުޅިގެން ކުރަމުންދާ މަސައްކަތުން މިއަހަރުގެ ފަހުކޮޅު ބޯޓު ލިބޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. އަދި ދެވަނަ ބޯޓު ލިބުމާއެކު ރަޝިޔާ އަދި ސައުތު ކޮރެއާ ފަދަ މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ފީސަބިލިޓީ ސްޓަޑީތައް ހަދައި ތައްޔާރުވަމުންދާ ކަމަށްވެސް އިޔާސް ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ކަމަށްވާ އެއަރބަސް އޭ330-200 މަރުކާގެ ބޯޓު ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުއެވެ.
264 މީހުންގެ ޖާގައިގެ މި ބޯޓުގައި މިހާރުވެސް ޗައިނާ، އިންޑިއާ، ބަންގްލަދޭޝް އަދި އޮސްޓްރޭލިއާގެ އިތުރުން ޙައްޖާއި ޢުމްރާގެ ދަތުރުތައް ދަނީ ކުރަމުންނެވެ.





1 Comment
މޯލްޑިވިއަން އިން ގެންނަނީ ބާ ކޮށްފަ ހުންނަ ބޯޓު. އެވެސް އޭ321 ނިއޯ ނޫނީ. އޭ330-1000 ގެންނަނަމަ ދޯވް. ފިއުލް ޚަރަދު ވެސް ކުޑަވާނެ ވިއްޔަ. ކިކިކިކި