ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ފޭބި އިޓަލީގެ ޑައިވަރުން މަރުވީ ގެނބިގެން ނުވަތަ އޮކްސިޖަން ނުލިބިގެން ކަމަށް އެ މީހުންގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
އިޓަލީގެ ބައެއް ނޫސްތަކުން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި ފަސް ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާ ވަނީ ލިބިފައެވެ. އެއީ، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް ގެއެވެ.
އެ ރިޕޯޓްގައިވާ ގޮތުން އެ ދެ މީހުން ވެސް މަރުވާން މެދުވެރިވީ އެ މީހުންގެ އޮކްސިޖަން ފުޅިން ވައި ނުލިބުން ނޫނީ ހުސްވުމުގެ ސަބަބުން ނުވަތަ އެނޮކްސިއާގެ ހާލަތާ ކުރިމަތިވެގެންނެވެ. އެއީ އޮކްސިޖަން ނުލިބިގެން ނުވަތަ ގެނބިގެން މަރުވުމެވެ.
އޮޓޮޕްސީގެ ދާއިމީ ނަތިޖާ ތިން މަސް ތެރޭގައި ލިބޭނެކަމަށް ބެލެވޭ ކަމަށް ވެސް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
އިޓަލީން ގެންދަނީ އިހުމާލު މަރެއްގެ ގޮތުގައި މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ރާއްޖޭގެ އިދާރާތަކުގައި ސިޓީއަކުން އިޓަލީގެ ޕްރޮސެކިއުޓަރުންގެ އޮފީހުގެ ފަރާތުން އެދިފައިވާ ކަމަށް ވެސް ނޫސްތަކުގައި ބުނެފައިވެއެވެ.
އިޓަލީގެ ޑައިވަރުން ހޯދުމަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަނަށް ފަހު، މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ އިބްތިދާއީ ރިޕޯޓެއް ރިކަވަރީ ޓީމުން ވަނީ އާންމުކޮށްފަ އެވެ.
އެ ރިޕޯޓްގައި ތަޖުރިބާކާރު ޑައިވަރުން އިރުޝާދު ދީފައިވަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ އާއި ހޮހަޅަތަކަށް ފީނުމުގެ ހާއްސަ ތަމްރީނާއި ބޭނުންވާ ފަންނީ ސާމާނު ނެތި އެ ހޮހަޅައަށް ނުވަނުމަށެވެ.



