ހަނގުރާމަ މެދުކަނޑާލަން އީރާނާއި އެމެރިކާއިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ރަސްމީކޮށް 60 ދުވަހަށް އިތުރުކުރުމާ އެކު، ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމުގެ އެމްއޯޔޫއަކަށް ދެ ގައުމުން މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި ނަމަވެސް މިހާރު އިންތިޒާރުކުރަމުން އަންނަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބަހެއް ލިބޭނެ އިރަކަށް ކަމަށް އެ ގައުމުގެ ބައެއް އޮފިޝަލުން ބުނެފިއެވެ.
”އެކްސިއޯސް“ ނިއުސް އައުޓްލެޓުން ރިޕޯޓުކޮށްފައިވާ ގޮތަށް، ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް އޮތުން އިތުރަށް ދިގުދަންމާލުމަށާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން މަޝްވަރާތައް ފެށުމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި ގާއިމުކުރާނެ އެމްއޯޔޫއާ މެދު މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.
އެ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމްއޯޔޫއާ މެދު އެއްބަސްވުމަކަށް އާދެވިފައި ވިޔަސް އެންމެ ފަހު ބަސް ވިދާޅުވާނީ އެމެރިކާވެ ރައީސެވެ. ނަމަވެސް އޭނާ އަދިވެސް ފަހު ބަސް ވިދާޅުނުވާ ކަމަށް ބުނެފައިވެއެވެ.
އެމެރިކާ އާއި އީރާނުން ވެސް އަދި އެމްއޯޔޫއާ މެދު އެއްބަސްވުމަކަށް އާދެވުނު ކަމަކަށް ރަސްމީކޮށް ނުބުނެއެވެ.
މި އެމްއޯޔޫ ގައި ސޮއިކުރުން ވެގެންދާނީ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ހޯދޭނެ އެންމެ ބޮޑު ޑިޕްލޮމެޓިކް ކުރިއެރުމަށެވެ. ނަމަވެސް، ޓްރަމްޕްގެ ނިއުކްލިއާ ޝަރުތުތަކަށް ހައްލެއް ހޯދޭނެ ފަދަ އެންމެ ފަހުގެ އެއްބަސްވުމަކަށް އައުމަށްޓަކައި އަދިވެސް އިތުރަށް ވަރުގަދަ މަޝްވަރާތަކެއް ކުރަން ޖެހޭނެއެވެ.
”މިއީ އެންމެން މަޝްވަރާގެ މޭޒުދޮށަށް ގެނައުމަށްޓަކައި ވެވޭ އެއްބަސްވުމެއް. މީގެ ތަފްސީލުތައް އަހަރެމެން ކަނޑައަޅާނީ ކުރިއަށް ހުރި މަޝްވަރާތަކުގެ ތެރެއިން،“ އެމެރިކާގެ އެއް އޮފިޝަލަކު އެކްސިއޯސް އަށް ވިދާޅުވިއެވެ.
އެމެރިކާގެ އޮފިޝަލުން އެ ނޫހަށް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ޝަރުތުތަކަށް އަންގާރަ ދުވަހާ ހަމައަށް ގާތްގަނޑަކަށް އޮތީ އެއްބަސްވެވިފަ އެވެ. ނަމަވެސް، ދެ ފަރާތުގެ ވެސް އިސް ލީޑަޝިޕްގެ ހުއްދަ އަދި ބޭނުންވެއެވެ.




