އަންނަ ހޯމަ ދުވަހު ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ 3 ޓީމުވެސް މިހާރު ރާއްޖެ އަތުވެއްޖެއެވެ.
ޖުމްލަ ހަތަރު ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ބައިވެރިވަނީ އަފްޣާނިސްޠާނާއި ބަންގްލަދޭޝްގެ އިތުރުން ޕާކިސްތާނެވެ.
މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ރާއްޖެ އައީ އަފްޣާނިސްޠާން ޓީމެވެ. 12 ކުޅުންތެރިންނާއެކު އެ ޓީމު ރާއްޖެ އައީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭގެ ފަހުން، މިއަދު މެންދުރުފަހުގެ ވަގުތެއްގައި ބަންގްލަދޭޝްގެ ”ބީ“ ޓީމާއި ޕާކިސްތާން ޓީމު ވެސް ވަނީ ރާއްޖެ އައިސްފައެވެ.
މި މުބާރާތަށް ރާއްޖެ އައި ތިން ޓީމު ވެސް ކޭމްޕް ކުރުމަށް ހަމަޖެހިފައިވަނީ ބާސެލޯ ނަސަންދުރައިގައެވެ. މީގެ އިތުރުން، މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު ވެސް މިރޭގެ ވަގުތެއްގައި ނަސަންދުރައިގައި ކޭމްޕް ކުރަން ފަށާނެއެވެ.
ޑައިމަންޑް ޖުބިލީ އިންޓަނޭޝަންލް ފުޓުބޯޅަ މުބާރާތަކީ ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށްދާނީ ޖޫން މަހުގެ 1 އިން 10 އަށް މާލޭގައެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ އެންޑް ބްރޯޑްކާސްޓިން ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޕާކިސްތާނާއި ބަންގްލަދޭޝްއެވެ. ދެވަނަ މެޗުގައި ރާއްޖެ އާއި އަފްޣާނިސްޠާން ބައްދަލުކުރާއިރު، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެ ކުޅޭ މެޗުގެ ކުރިންނެވެ.




