ސަރުކާރުގެ ކުންފުނިތަކުގެ ފައިދާއިން ދައުލަތަށް ލިބޭ ޑިވިޑެންޑްގެ އާމްދަނީގެ ގޮތުގައި 160 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ”ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް“ ރިޕޯޓުގައިވާ ގޮތުން، މި ހިނގާ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނިތަކުގެ ފައިދާއިން ދައުލަތަށް ލިބިފައިވަނީ 160 މިލިއަން ރުފިޔާއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްއޯއީތަކުގެ ފައިދާއިން ދައުލަތަށް ލިބުނު 258 މިލިއަން ރުފިޔާއާއި އަޅާބަލާއިރު 36 އިންސައްތަ ދަށް އަދަދެކެވެ. ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި ޑިވިޑެންޑުން ލިބޭ އާމްދަނީ ދަށްވާ މައިގަނޑު ސަބަބަކީ ކުންފުނިތަކުގެ ޖުމްލަ ފައިދާ ދަށްވުމެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ސަރުކާރު ކުންފުނިތަކުގެ ފައިދާއިން 552 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، އަހަރުގެ ފުރަތަމަ 5 މަސް ފާއިތުވެގެންދިޔައިރު މިހާތަނަށް ލިބިފައިވަނީ ބަޖެޓުގައި ލަފާކުރި އަދަދުގެ އެންމެ 30 އިންސައްތައެވެ. މީގެ އިތުރުން، ޑިވިޑެންޑާއި އެހެނިހެން ގޮތްގޮތުން ދައުލަތަށް ފައިދާއާއި އިންޓްރެސްޓުގެ ގޮތުގައި ޖުމްލަ 769 މިލިއަން ރުފިޔާ ލިބޭނެ ކަމަށް މިއަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވީ ނަމަވެސް، މިހާތަނަށް ލިބިފައިވަނީ 243 މިލިއަން ރުފިޔާއެވެ.
މިއީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު އެސްއޯއީތަކުން ދައުލަތަށް ވަންނަ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާ އަދަދެކެވެ. އެގޮތުން މިދިޔަ އަހަރު ޑިވިޑެންޑާއި ފައިދާތަކުން ދައުލަތަށް 823 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ކުރީ އަހަރު މި އަދަދު ހުރީ 1.1 ބިލިއަން ރުފިޔާގައެވެ.
ދައުލަތުގެ ހިއްސާ އޮންނަ 30 ކުންފުނި އޮތްއިރު، މިއަހަރު ޑިވިޑެންޑުގެ ގޮތުގައި ސަރުކާރަށް އާމްދަނީ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވަނީ އެންމެ 6 ކުންފުންޏަކުންނެވެ. އެއީ އެމްޕީއެލް، އެމްއޭސީއެލް، ދިރާގު، ބީއެމްއެލް، އެޗްޑީސީ އަދި އެމްޑަބްލިއުއެސްސީއެވެ. މީގެ މާނައަކީ ބާކީ ހުރި 24 ކުންފުނިން ދައުލަތަށް އެއްވެސް ފައިދާއެއް ނުލިބޭނެ ކަމެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ދަށަށް ގޮސް ދައުލަތަށް ލިބޭ އާމްދަނީ މަދުވަމުންދާތީ، ސަރުކާރުން މިހާރު ވަނީ އެސްއޯއީތައް ރީސްޓްރަކްޗަރ ކުރުމާއި، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.



