އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ވިލިމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބޭއްވި އާއިލީ ހަވީރު ނިންމާލައިފިއެވެ.
އީދު ދުވަހުގެ އިތުރުން، އީދާ ގުޅިގެން ބަންދުވި ތިން ދުވަހުވެސް ވިލިމާލޭގައި މި ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.
ސަލާމަތީ ބާރުތަކާއި ސަރުކާރު ކުންފުނިތައް ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދިޔަ މި ކުޑަކުދިންގެ ހަވީރަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މި ހަރަކާތް ކުރިއަށްދިޔަ ހަތަރު ދުވަހުވެސް، ތަފާތު ކުޅިވަރުތައް ބަލާލުމަށާއި އެކި ހަރަކާތްތަކުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ވަނީ އެ ސަރަހައްދަށް ޒިޔާރަތްކޮށްފައެވެ.
މި ހަވީރަކީ އީދާ ދިމާކޮށް މާލެއިން ބޭރަށް ދިޔުމުގެ ފުރުސަތު ނުލިބޭ ކުދިންނާއި، އެކި ސަބަބުތަކަށްޓަކައި މާލެއަށް އަންނަންޖެހުނު ކުދިންނަށް އުފާވެރި އީދެއް ހޯދައިދިނުމަށް އިންތިޒާމްކުރި ހަރަކާތެކެވެ. މިފަދަ އާއިލީ ހަވީރުތައް ވިލިމާލޭގެ އިތުރުން މާލެއާއި ހުޅުމާލޭގެ ދެ ފިޔަވަހީގައިވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
ވިލިމާލޭގައި ކުރިއަށްގެންދިޔަ ހަވީރު އިންތިޒާމްކޮށްފައިވަނީ ކުޑަކުދިންނަށް ޚާއްސަ، އެ ކުދިން ޝައުގުވެރިވާނެ ފަދަ ތަފާތު ގިނަ ހަރަކާތްތަކަކާއެކުގައެވެ. އޭގެ ތެރޭގައި ކާޓޫނު ކެރެކްޓާސްތަކާއެކު ފޮޓޯ ނެގުމާއި، މިއުޒިކަލް ޗެއަރ އަދި އެމްއެންޑީއެފް ބޭންޑުގެ ހަރަކާތްތައް ހިމެނެއެވެ.



