2025 ވަނަ އަހަރު ރާއްޖޭގައި 225 މީހަކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 187 މީހަކާއި އަތޮޅުތަކުން 68 މީހެކެވެ.
އަދި ދުންފަތް ހުއްޓާލުމަށް ދޭ ސެޒޭޝަން ފަރުވާ މިދިޔަ އަހަރު 1045 މީހުން ހޯދާފައިވާއިރު، އޭގެ ތެރޭގައި 982 ފިރިހެނުންނާއި 63 އަންހެނުން ހިމެނެއެވެ. މި ފަރުވާ ހޯދި މީހުންގެ ތެރެއިން 580 އަށްވުރެ ގިނަ މީހުންނަކީ މާލެ ސަރަހައްދުން ފަރުވާ ހޯދި މީހުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ދުންފަތުގެ މައްސަލަ ހައްލުކުރުމަށް އަންނަނީ ތާރީޚީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރު 14 އިން ފެށިގެން ރާއްޖޭގައި ވޭޕު އެތެރެކުރުމާއި، ބޭނުންކުރުމާއި ވިއްކުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކުރުމަކީވެސް ދުންފަތް ކޮންޓްރޯލް ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.
މި ސިޔާސަތުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ”ޖެނެރޭޝަނަލް ބޭން“ އެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއެކު، 1 ޖަނަވަރީ 2007 ގެ ފަހުން އުފަންވި އެއްވެސް މީހަކަށް ރާއްޖޭގައި ދުންފަތުގެ އުފެއްދުންތައް ވިއްކުމާއި ބޭނުންކުރުން ވަނީ އެއްކޮށް މަނާކޮށްފައެވެ.
މި ނިންމުމާއެކު ރާއްޖެ ވެފައިވަނީ ދުނިޔޭގައިވެސް މިފަދަ ސިޔާސަތެއް ތަންފީޒުކުރާ ފުރަތަމަ ގައުމަށެވެ.




