ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ފޯރުކޮށްދެމުންދިޔަ މެޑިކަލް ވެލްފެއަރގެ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މި ބަދަލަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ސަރުކާރުން މި ބަދަލު ގެނައުމަށް ނިންމީ ޞިއްޙީ ނިޒާމުގެ އެހީގެ ޚިދުމަތްތައް ދެ މުއައްސަސާއަކުން ދެމުންދާތީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ މަގްސަދުގައެވެ. މި ނިންމުމާއެކު ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭސްފަރުވާގެ އެހީއަށް އެންސްޕާއިން ދެމުން ދިޔަ ފަސް ޚިދުމަތެއް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުވެގެންދާނެއެވެ.
އާސަންދައިގެ ދަށަށް ބަދަލުވާ ޚިދުމަތްތައް:
1. ބޭސްފަރުވާއާ ގުޅޭ ކަންކަމުގައި ރައްޔިތުންނަށް ދޭ ޚިދުމަތްތައް
2. ޓެސްޓުތައް ހެދުމާއި، ޚާއްސަ މެޑިކަލް ޑިވައިސްއާ ގުޅޭ ޚިދުމަތްތައް
3. ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ދޭ ސިއްޚީ ޚިދުމަތްތައް
4. ރިފަރަލް އަދި އެމަޖެންސީ ބަލި މީހުންނަށް ދޭ ޚިދުމަތްތައް
5. ޚާއްސަ ހާލަތްތަކުގައި ދޭ ޚިދުމަތްތައް (ތެލެސީމިއާ އަދި ބޯންމެރޯ ޓްރާންސްޕްލާންޓަށް ދާ މީހުންނަށް ފޮލޯ އަޕް ހެދުމާއި، އަމިއްލަ ބޭސް ފަރުވާއަށް ބޭރަށް ދާ މީހުންނަށް ދޭ އެހީތެރިކަން)
މި ބަދަލާ ގުޅޭގޮތުން ހެލްތް މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވީ، މި ބަދަލާއެކު ބޭސްފަރުވާގެ އެކި ކަންކަމުގައި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން އެއް އެޕްލިކޭޝަނެއްގެ ތެރެއިން ލިބޭ ގޮތަށް ބަދަލުވެ، ސަރުކާރުގެ އެހީތެރިކަން އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމަށެވެ.
”މިހާރު ރައްޔިތުންނަށް އެންމެ ދަތިވާ ކަމަކީ އެހީތެރިކަމަށް ބަލާއިރު އާސަންދަ ކުންފުނިން މި އެދެވެނީ ވަކި ކަންކަމަކަށް. އެންސްޕާއިން އިތުރު ކަންކަމަށް އެހީތެރިކަމަށް އެދެމުން މިދަނީ. އެހީތެރިކަން މާ ސާފުކޮށް އޮޅުން ފިލައިގެންދާނެ. އަޅުގަނޑު އުއްމީދުކުރަނީ، އާންމު ރައްޔިތުންނަށް މި ގެނައި ބަދަލަކީ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށް،“ މިނިސްޓަރު ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މިހާރު އެންސްޕާއަށް އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޖޫން 1 އިން ފެށިގެން ޖަވާބު ދެމުންދާނީ އާސަންދަ ކުންފުނިންނެވެ.
އަދި ކުރިއަށް އޮތް ތަނުގައި މި ޚިދުމަތްތަކާ ގުޅޭ ހުރިހާ މަޢުލޫމާތެއްވެސް ފޯރުކޮށްދޭނީ އާސަންދަ ކުންފުނީގެ ފަރާތުންނެވެ.




