ރާއްޖޭގައި ޝީޝާ މަނާ ކުުރުމުގެ އެއްވެސް މަޝްވަރާއެއް މިހާތަނަށް ކުރިއަށް ނުގެންދާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، ސަރުކާރުގެ މަޝްވަރާތަކުގެ ތެރޭގައި ޝީޝާ މަނާކުރުމުގެ ވާހަކަތަކެއް އަދި ހިމެނިފައި ނުވާ ކަމަށެވެ. އަދި މިވަގުތު ސަރުކާރުން އިސްކަންދީފައިވަނީ ވޭޕް މަނާކުރުމަށް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެންގެ އަދި މަޝްވަރާތަކުގެ ތެރޭގައި ޝީޝާ މަނާ ކުުރުމުގެ މަޝްވަރާތަކެއް އަދި ކުރިއަަކަށް ނުއެއް ގެންދެވޭ. އެނގިވަޑައިގަންނަވާނެ މިހާރު އަޅުގަނޑުމެން އިއުލާން ކުރެވިފައި ވޭޕް މަނާ ކުރެވިފައި ވަނީ. ޖެނެރަޝޭނަލް ބޭން މަނާ އެއް ކަމެއްގެ ގޮތުގައި،“ ގީލާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުން ކުރާ އެކި ބާވަތްތަކާ ގުޅޭގޮތުން ކުރިއަށް އޮތް ތަނުގައި އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް، ވަކި ބާވަތެއްގެ ގޮތުގައި ޝީޝާ މަނާކުރުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާކަން ވަނީ ތަކުރާރު ކުރައްވާފައެވެ.




