މާލޭގައި ހަދާ ދެވަނަ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ތަރައްޤީ ކުރުމަށްޓަކައި ދަމަނަވެށި ވަގުތީގޮތުން ބަންދުކޮށް، އެތަނުން ދެމުން އައި ޚިދުމަތްތައް މާފަންނު އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރަށް ބަދަލުކޮށްފިއެވެ.
މިއަދުން ފެށިގެން މި ބަދަލަށް އަމަލުކުރަން ފަށާފައިވާއިރު، މާލޭގެ އިތުރުން ހުޅުމާލެއިންވެސް މި ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހެލްތު މިނިސްޓްރީން ވަނީ ހަމަޖައްސަވާފައެވެ.
ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ ދިވެހިންގެ ޢާއްމު ޞިއްޙަތު ރައްކާތެރި ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މާލޭ ސަރަހައްދުގައި ޖީޕީ އަދި އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުތައް ޤާއިމް ކުރުމަށެވެ. މި މަސައްކަތުގެ ދަށުން ދަމަނަވެށި އަދި ކުރީގެ ތެލެސީމިއާ ސެންޓަރު ހިންގި އިމާރާތުގައި ދެވަނަ ސެންޓަރު ތަރައްޤީކުރާނެއެވެ.
ހުޅުމާލޭގައި ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުންނާއި، ފޭސް 2ގެ 16 ވަނަ ޓަވަރުގައި ހުންނަ ޖީޕީ ކްލިނިކުން ޚިދުމަތް ލިބޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ދަމަނަވެށީގެ ނިޒާމުގެ ދަށުން އާންމު ސިއްޙަތާ ގުޅުންހުރި ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމާއި، ކުދިންގެ ހެދިބޮޑުވުން މޮނިޓަރ ކުރުމާއި، އާންމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުން ހިމެނެއެވެ. މީގެ އިތުރުން ބަލިތައް ދެނެގަތުމަށް ކުރާ ސްކްރީނިންގތަކާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވެދޭ ސެޝަންތަކުގެ އިތުރުން ކައުންސެލިންގެ ޚިދުމަތްވެސް ފޯރުކޮށްދެއެވެ.
އަލަށް ޤާއިމްކުރާ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުތަކުގެ އަމާޒަކީ ދަމަނަވެށިން މިހާރު ދޭ ޚިދުމަތްތަކަށްވުރެ ފުޅާ ދާއިރާއެއްގައި ޚިދުމަތް ފޯރުކޮށްދިނުމެވެ. މިގޮތުން އާންމު ބަލިތަކުގެ ޑޮކްޓަރުންގެ އިތުރުން، ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދޭނެ އިންތިޒާމާއި، ފަސޭހައިން ޚާއްޞަ ޑޮކްޓަރުންނަށް ދެއްކޭނެ މަގު މި ސެންޓަރުތަކުން ފަހިކޮށްދޭނެއެވެ.
މީގެ އިތުރުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކޮށް ދޭ ޚިދުމަތްތަކާއި، ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ކްލިނިކްތަކުގެ ޚިދުމަތްވެސް މި ސެންޓަރުތަކުން ލިބޭނެއެވެ.




