އާއިލާތަކުގެ ބިންގާ ވަރުގަދަކުރުމަށްޓަކައި ބެލެނިވެރިން ވަމުންދާ މަތިވެރި ގުރުބާނީއާއި، ނުގުޑާފަދަ އިޚްލާޞްތެރި މަސައްކަތުގެ އަގު ވަޒަންކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ބެލެނިވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ބެލެނިވެރިންގެ ލޯތްބާއި ހިތްވަރަކީ އަންނަން އޮތް ޖީލުތައް ބައްޓަންކޮށް، ގައުމުގެ ބާރުވެރިކޮށްދޭ މައިގަނޑު އަސާސެއް ކަމަށެވެ. މުޖުތަމައުގައި ބެލެނިވެރިން އަދާކުރާ މުހިންމު ދައުރު ބަލައިގަނެ، އެފަރާތްތަކަށް އެހީތެރިވުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ ބެލެނިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ކޮންމެ ކުއްޖެއްގެ މުސްތަގުބަލު ރައްކާތެރިކުރުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ތައުލީމާއި، ޞިއްޙީ ދާއިރާއާއި، އިޖުތިމާޢީ އެކި ޕްރޮގްރާމްތަކުގެ ތެރެއިން އިންވެސްޓްކޮށް، ދިވެހި މުޖުތަމަޢުގެ އެންމެ މުހިންމު ބިންގާ ކަމުގައިވާ އާއިލީ ގުޅުންތައް ދެމެހެއްޓުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ބެލެނިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
މި ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން ކުރާ ބުރަ މަސައްކަތާއި ވަމުންދާ ގުރުބާނީތަކުގެ އަގު ވަޒަންކުރުމެވެ.



