ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގައި ހިމެނޭ 100 މީޓަރުގެ ކީވޯލް (މަގަތު ފާލަން) އަދި އެ ސަރަހައްދުގެ ޕޭވިންގ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) ހެޑް އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކުޓިވް އޮފިސަރ، ކެޕްޓަން ހުސެއިން ޝަފީގެވެ.
އެމް.ޓީ.ސީ.ސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.

އެމްޕީއެލް އިން ބުނީ، މި މަޝްއޫއުގެ ތެރޭގައި ކީ ވޯލް ތަރައްގީކުރުމާއި 6،775 އަކަ މީޓަރުގެ ސަރަހައްދުގެ ޕޭވިން މަސައްކަތްތައް ކުރާނެ ކަމަށެވެ. މި މަސައްކަތްތައް ހަވާލުކުރީ 120 ދުވަސް ތެރޭ ފުރިހަމަކުރާ ގޮތަށެވެ.
އެމްޕީއެލްއިން ބުނިގޮތުގައި މަޝްރޫޢުގައި ހިމެނޭ ކްލިއަރަންސް ސަރަހައްދުގެ ކީވޯލް ތަރައްޤީކުރުމުގެ އަގަކީ .818 މިލިއަން ރުފިޔާއެވެ. އަދި، ކީވޯލާއި، ސަރަހައްދު ޕޭވްކުރުމާއި އެކަމާ ގުޅުންހުރި ހުރިހާ މަސައްކަތާއެކު، މި މަޝްރޫޢޫ ފުރިހަމަކުރުމަށް 154 މިލިއަން ރުފިޔާހޭދާވާނެއެވެ.
މިއީ ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގެ ކްލިއަރަންސްގެ އޮޕަރޭޝަންސްތަކަށް މި ވަގުތު ތަރައްޤީކުރާ ސަރަހައްދެކެވެ. އެހެން ނަމަވެސް، ތިލަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފުރިހަމަވުމުން، މި ސަރަހައްދު ބޭނުންކުރާނީ އެމް.ޕީ.އެލްގެ އުޅަނދުތަކަށް ޚާއްސަ ކުރެވޭ ”ސަރވިސް ކީ“ އެއްގެ ގޮތުގައިކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެމްޕީއެލްއިން ބުނީ، ކްލިއަރަންސް އޮޕަރޭޝަންސްތަކަށް މި ސަރަހައްދު ބޭނުންކުރެވެން ފެށުމުން، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުން ކަނޑުމަގުން މުދާ ކްލިއަރކުރުމުގެ އޮޕަރޭޝަންސްގެ ބޮޑު ބައެއް މި ސަރަހައްދަށް ބަދަލުކުރެވޭނެ ކަމަށާއި، މިއީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި މިހާރު ފޯރުކޮށްދެމުންދާ ކްލިއަރަންސްގެ ޚިދުމަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ލިބޭނެ ބޮޑު ލުއިކަމެއް ކަމަށެވެ.
އެމްޕީއެލްއިން އިތުރަށް ބުނިގޮތުގައި، ތިލަފުށީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ބަނދަރުގެ އެކި މަސައްކަތްތައް މި ކުންފުނިން ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ. މި ކުންފުނީގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތިލަފުށި ބަނދަރު ޚިދުމަތަށް ހުޅުވާލައި، މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންސްތައް އައު ބަނދަރަށް ބަދަލުކުރުމެވެ.
އެގޮތުން، ތިލަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފޭސް-1ގެ ޑިޒައިން އަދި ސާރވޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އަށް މި އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ހަވާލުކޮށްފައިވާ ކަމަށާއި، އެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ހަމައަށް އައިސްފައި ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.



