މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާގެ ގޮތުގައި ދައުލަތަށް 38 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން ހާމަކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 40 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 27 މިލިއަން ރުފިޔާއެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ނިމިދިޔަ އޭޕްރީލް މަހުގައެވެ. އެ މަހު އެކަނިވެސް ޖޫރިމަނާގެ ގޮތުގައި 20 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.
މި އަހަރުގެ ފުރަތަމަ ހަތަރު މަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ދެ ބިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ. ނަމަވެސް، ވަކިވަކި މަސްތަކަށް ބަލާއިރު މިދިޔަ އޭޕްރީލް މަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ އޭގެ ކުރީ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު ދަށްވެފައެވެ.
އޭޕްރީލް މަހުގެ އާމްދަނީ ދަށްވުމުގެ އެންމެ ބޮޑު ސަބަބަކީ ޓޫރިޒަމް ދާއިރާއިން ލިބޭ ޓީޖީއެސްޓީ އާމްދަނީ ދަށްވުމެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވެ، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަނީ އޭގެ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.
މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން 660,000 އަކީ ޑޮލަރުން ލިބިފައިވާ އާމްދަނީކަންވެސް މީރާގެ ހިސާބުތަކުން ދައްކައެވެ.




