ބާޒާރުގައި ފިޔާ ވިއްކާ އަގަށް ބަދަލު އައިނަމަވެސް އެސްޓީއޯއިން މިހާރުވެސް ވިއްކާ އަގުގައި ފިޔާ ލިބެން ހުންނާނެކަމަށް އެކުންފުނިން ބުނެފިއެވެ.
އެކުންފުނިން މިހެން ބުނީ ބާޒާރުގައި ފިޔާ ވިއްކާ އަގު އުފެލެމުންދާ ދަނޑިވަޅެއްގައެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ އެކުންފުނީގެ ފިހާރަތަކުން މިހާރުވެސް ވިއްކާ އަގުގައި ފިޔާ ހޯސޭލް އަދި ރީޓެއިލްކޮށްވެސް ލިބެންހުރި ކަމަށާއި އަގަށްވެސް ބަދަލު ނުގެންނާނެ ކަމަށެވެ.
ފިޔާގެ ސްޓޮޮކްވެސް އެބަހުރިކަމަށާއި އިތުރަށް ބޭނުންވާނަމަ، މިފަދަ ހާލަތްތަކުގައި ކުރިވެސް އެފަދަ ތަކެތި އެތެރެކުރާ އުސޫލުން ފިޔާވެސް ގެނެވޭނެކަމަށް އޮފިޝަލު ވިދާޅުވިއެވެ. އަދި ފިޔާ ލިބުމުގައި ދަތިކަމެއް ނެތްކަން އެކުންފުނިން ފާހަގަކުރެއްވިއެވެ.
ބާޒާރުގެ ބައެއް ފިހާރަތަކުން ފިޔާ ކިލޯއެއް 25 ރުފިޔާއިން މަތީގައި އުޅުނު ނަމަވެސް އެސްޓީއޯއިން މިހާރުވެސް ފިޔާ ކިލޯއެއް ވިއްކަނީ 13 ރުފިޔާ އަށެވެ.



