ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފިއެވެ.
ސޮއިކުރުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:30 އިން މެންދުރު 13:30 އަށް އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަޙްމަދު ސަޢީދު އާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޢަބްދުﷲ ޞާދިޤެވެ.
މި ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި އެ ދާއިރާއަށް އިންތިޚާބުވި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަން ކޯޓަށް ސާބިތުވުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، ސިނާންގެ މައްޗަށް އޮތް ސާބިތު ދަރަނި ޙުކުމާ އެއްގޮތަށް ދައްކާފައިނުވާތީ އޭނާގެ މެންބަރުކަމުގެ ޝަރުތު އުނިވެފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 4,121 މީހުންނަށް ލިބިގެންވެއެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި ޖުމްލަ 7 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ މާލޭގައި ބަހައްޓާ 2 ފޮއްޓާއި އައްޑޫ ސިޓީގައި ބަހައްޓާ 5 ފޮއްޓެވެ.




