ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓުން ބުނީ، މިވަގުތު މޫސުން ކުޑަކޮށް ރަނގަޅުވި ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި މި ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށެވެ.
މެޓުން ބުނިގޮތުގައި މި ހަފުތާގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެ ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ވައި ޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް އެ އިދާރާއިން ބުންޏެވެ. މެޓުން ބުނިގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ނަމަވެސް، ވިލާގަނޑުގައި ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިޔަށް ލަފާކުރާ ގޮތަށް ބަލާލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ. ޚާއްސަ ގޮތެއްގައި ދެކުނުގެ އަތޮޅުތަކުގެ މަތިން ގިނަ އަދަދަކަށް ވާރޭ ވިލާ އުފެދިފައިވާތަން ސެޓްލައިޓް ފޮޓޯތަކުން ދައްކާ ކަމަށާއި، އެ ސަރަހައްދުގެ ރަށްތަކަށް ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުންޏެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ފ. ނިލަންދޫއަށެވެ. އެ ރަށަށް 19.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ފ. ބިލެއްދޫއަށް 12.4 މިލިމީޓަރު އަދި ޅ. އޮޅުވެލިފުއްޓަށް 12.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.
މި ދުވަސްވަރަކީ ޢީދު ބަންދަށްފަހު ގިނަ އަދަދެއްގެ ބަޔަކު ކަނޑުމަގުން ދަތުރުކުރަމުންދާ ދުވަސްވަރަކަށްވާތީ، ދަތުރުކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިދުވަސްވަރު ވިއްސާރަ ކުރިނަމަވެސް، އަންނަ ހުކުރު ދުވަހުން ފެށިގެން މޫސުން އަލުން ރަނގަޅުވާން ފަށާނެ ކަމަށް މެޓުން ބުންޏެވެ.




