ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި ގާތްގަނޑަކަށް 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނިގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ 24 މެއި 2026 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއަށް އައި ފަސިންޖަރެއްގެ އަތުންނެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައެވެ.
މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 941 ގްރާމް ހުރި ކަމަށާއި، އަދި އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރި އިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން އަށް ޕޮޒިޓިވް ވެފައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.8 މިލިއަން ދިވެހި ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ.



