މ. ވޭވަށު ކައުންސިލްގެ އިންތިޚާބާ ގުޅިގެން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނު ތިން ވޯޓެއް ބާތިލުކުރަން ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ހުށަހެޅުމުން އެ ކޯޓުން ބަލައިގެންފިއެވެ.
މިދިޔަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މ. ވޭވަށު ކައުންސިލްގެ ގޮނޑިއަކަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމް އިންތިޚާބު ކާމިޔާބު ކުރެއްވީ ދެ ވޯޓުގެ ތަފާތަކުންނެވެ. އެ އިންތިޚާބުގައި އަހްސަނަށް 121 ވޯޓު ލިބުނުއިރު، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު ނަޒީހަށް ލިބުނީ 119 ވޯޓެވެ.
ނަމަވެސް، އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހި، ޕީއެންސީގެ ކެންޑިޑޭޓް ހައިކޯޓަށް ހުށަހެޅި މައްސަލައެއް ބަލައި، އެ ކޯޓުން ވަނީ އަހްސަނަށް ލިބުނު ތިން ވޯޓެއް ބާތިލްކޮށްފައެވެ. އެއާއެކު ނަތީޖާ ބަދަލުވިއިރު، މި ނިންމުމާއެކު އަހްސަންގެ ވޯޓުގެ އަދަދު 118 އަށް ތިރިވެ، ނަޒީހަށް ގޮނޑި ލިބުނެވެ.
ހައިކޯޓުގެ މި ހުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ އެމްޑީޕީ އާއި އެ ޕާޓީގެ ކެންޑިޑޭޓް އަހްސަންގެ ފަރާތުންނެވެ. ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ވަނީ މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ދީ، މައްސަލަ ކޯޓަށް ބަލައިގެންފައެވެ.
މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ބަހުސް ކުރެވެނީ ބާތިލް ކުރި ތިން ވޯޓު ކަރުދާހުގައި ހުރި ފާހަގަތަކަކާ މެދުގައެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައި ވަނީ އެ ފާހަގަތަކަކީ ވޯޓުލީ މީހާ ޖަހާފައިވާ ފާހަގަތަކެއް ނޫން ކަމަށާއި، އެއީ ކަރުދާސް ޕްރިންޓް ކުރުމުގެ ތެރޭގައި ދެލި ފޭދިގެން ހުރި ކުދި ތިކިތަކެއް ކަމަށެވެ. ކޮމިޝަނުން ފާހަގަކުރި ގޮތުގައި ވޯޓުލާން ބޭނުންކުރީ ނޫކުލައިގެ ގަލަން ކަމަށްވާއިރު، ކަރުދާހުގައި ހުރީ ކަޅުކުލައިގެ ތިކިތަކެކެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުން ނިންމީ އެ ފާހަގަތަކުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭ ކަމަށެވެ. މި މައްސަލައިގައި ރައުޔު ތަފާތުވި ފަނޑިޔާރު އިބްރާހީމް މާހިރު ވިދާޅުވެފައިވަނީ، ވޯޓު ކަރުދާހުގައި ހުރި ތިކިތަކުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި، ނަތީޖާ ބަދަލުކުރަން ޖެހޭ ފަދަ އަސާސެއް ނެތް ކަމަށެވެ.
މި ނިންމުން ނިންމެވި ދެ ފަނޑިޔާރުންގެ ތެރޭގައި ޕީއެންސީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބަށް ވާދަކުރެއްވި ފަނޑިޔާރު އަބްދުލްރައޫފް އިބްރާހީމް ހިމެނިވަޑައިގަންނަވާތީ، އެމްޑީޕީން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.




