ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބް ރައީސަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ހުސައިން ޝަހީދު އިންތިހާބުކޮށްފިއެވެ.
ޝަހީދު އެ މަގާމަށް އިންތިހާބުކޮށްފައިވާކަން މިއަދު ޖޭއެސްސީން ވަނީ ކަށަވަރުކޮށްދީފައިވާއިރު، ޝަހީދަކީ އެ ކޯޓުން ޖޭއެސްސީއަށް އައްޔަން ކުރައްވާފައިވާ ފަނޑިޔާރެވެ.
އަލްއުސްތާޒު ހުސައިން ޝަހީދަކީ ތައުލީމީ ގޮތުން ގިނަ ކާމިޔާބީތަކެއް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީއާއި ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރެއްވުމަށް ފަހު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ވަނީ ހާސިލް ކުރައްވައިފައެވެ.
ޝަހީދު ވަނީ ފަނޑިޔާރުކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައެވެ. އެގޮތުން ޖުލައި 24، 2018 ގައި ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން، ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމާއި ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ވެސް ކުރައްވައިފައެވެ.
ޝަހީދު ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް އައްޔަންކުރެވުނީ އޮކްޓޫބަރު 26، 2023 ގައެވެ.



