ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރަމުންދިޔަ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ދަށުން ކުރަން ޖެހޭ ހުރިހާ އަމަލީ މަސައްކަތްތަކެއް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ.
މި މަޝްރޫއުގެ ދަށުން ފަރެސްމާތޮޑާގައި ތަރައްގީކުރި ދަނޑުގައި ފީފާއިން ކަނޑައަޅާފައިވާ ފެންވަރުގެ ޓާފެއް ވަނީ އަޅާފައެވެ. މީގެ އިތުރުން ދަނޑުގައި ގޯލް ޕޯސްޓް ހަރުކުރުމާއި، ފެންސް ޖެހުމުގެ އިތުރުން ހަތަރު ބެންޗު ބެހެއްޓުމުގެ މަސައްކަތް ވެސް ވަނީ ފުރިހަމަކޮށްފައެވެ.

ގާތްގަނޑަކަށް 1,800 މީހުންގެ އާބާދީއެއް އޮންނަ ފަރެސްމާތޮޑާގައި މިފަދަ ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ގާއިމުކުރުމަކީ އެ ރަށުގެ ރައްޔިތުންނަށް، ހާއްސަކޮށް ޒުވާނުންނަށް އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ވީހާވެސް އަވަހަށް ނިންމައި، ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ.



