މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ރިސޯޓުތަކަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 40،000 އަށް ވުރެ ބޮޑަށް ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ހަ ޕަސެންޓުގެ ވެއްޓުމެކެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ރިސޯޓުތަކަށް އައިސްފައިވަނީ 660،000 ޓޫރިސްޓުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ރިސޯޓުތަކަށް 701،000 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް އަންނަ ޖުމްލަ ޓޫރިސްޓުންގެ ގާތްގަނޑަކަށް 70 ޕަސެންޓް މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުން ރާއްޖެއަށް އަންނަ މީހުންގެ އަދަދު މަދުވުމެވެ.
މީގެ އިތުރުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ޓޫރިސްޓުންގެ އަދަދުވެސް ވަނީ މިދިޔަ އަހަރަށްވުރެ 4.1 ޕަސެންޓް ދަށްވެފައެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރީ ޖުމްލަ 950،000 ޓޫރިސްޓުންނެވެ.
ރިސޯޓުތަކުގެ އިތުރުން ގެސްޓް ހައުސްތަކުގެ ވިޔަފާރިއަށްވެސް ވަނީ މިކަމުގެ އަސަރުކޮށްފައެވެ. މި އަހަރުގެ މިހާތަނަށް ގެސްޓް ހައުސްތަކަށް އައީ 223،000 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 225،000 ގައެވެ. އަދި މި މަހުގެ ފުރަތަމަ ދެ ދުވަހު ރާއްޖެއަށް އައި 7،000 އެއްހާ ޓޫރިސްޓުންނަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 21 ޕަސެންޓް ދަށް އަދަދެކެވެ.
މާޗް މަހުން ފެށިގެން ޓޫރިސްޓުން އަންނަ އަދަދު ވަރަށް ބޮޑަށް ދަށްވި ނަމަވެސް، މިދިޔަ މަހުން ފެށިގެން މި އަދަދުތައް އަލުން ހަމައަކަށް އެޅެން ފަށާފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.
މެއި މަހަކީ އާންމުކޮށްވެސް ޔޫރަޕާއި މެދުއިރުމަތިން އަންނަ ޓޫރިސްޓުން މަދު މަހެއް ކަމަށްވާއިރު، މި ދުވަސްވަރު އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުންނެވެ.




