ހަގީގީ މާނައިގައި ކުޑަކުދިންނަށް ރައްކާތެރި މުޖުތަމައެއް ގާއިމުކުރެވޭނީ، އޯގާތެރި މުޖުތަަމައެއް ބިނާކޮށްގެން ކަމަށް ރައީސްލުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެެއެވެ.
ކުޑަކުދިންގެ ހައްގުތަކާ ބެހޭ މަޝްވަރާ އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްވަމުން ސާޖިދާ ވިދާޅުވީ ކޮންމެ ކުއްޖަކީވެސް ރައްކާތެރިކަމާ، ބާރުވެރިކަމާއެކު ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ކުޑަކުދިންނަކީ މިގައުމުގެ އުންމީދުކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، މިއަދު ކުދިން ތަރުބިއްޔަތު ކުރާ ގޮތަކީ ހަމައެކަނި އެކުދިންގެ މުސްތަގުބަލަށް ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމައުގެ ކުރިމަގާއި ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ.
ކުޑަކުދިންނަށް އޯގާތެރިވެ އަޅާލުމަކީ ހަމައެކަނި އެކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމެއް ނޫންކަމަށާ، އެކުދިންގެ ފިކުރާ، އަހުލާގާއި، މުޖުތަމައަށް ބޭނުންތެރި، އިތުބާރު ހުރި ބަޔަކަށް ހެދުމަށް ބޭނުންވާ މާލީ އަދި އަހުލާގީ ބިންގާ އަޅައިދިނުން މުހިއްމު ކަމަށްވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި ކޮންމެ ކުއްޖަކީވެސް ރައްކާތެރިކަމާއި، ބާރުވެރިކަމާއެކު ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
”މިއީ ގާނޫނުތަކާއި މުއައްސަސާތަކުގެ ޒިންމާއެއް ނޫން. އެންމެ ވަރުގަދަ ރައްކާތެރިކަމެއް ކުދިންނަށް ލިބިގެންދާނީ ގޭތެރެއާއި، ސުކޫލުތަކާ، މުޖުތަމައުގެ ތެރޭގައި އަޅުގަނޑުމެން ހިފަހައްޓާ އުސޫލުތަކާއި ކުރާ އަމަލުތަކުން. އެގޮތުން ކުދިންނާ ވާހަކަދައްކާ ގޮތާއި، އެކުދިންގެ އަޑުއަހާ ގޮތާއި، އަދި އެކުދިންނަށް ދައްކާ ނަމޫނާއަކީ ވަރަށްވެސް މުހިންމު ކަމެއް“ ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ،
މީގެ އިތުރުން މެޑަމް ސާޖިދާ ވިދާޅުވީ ހަގީގީ މާނައިގައި ކުޑަކުދިންނަށް ރައްކާތެރި މުޖުތަމައެއް ބިނާކުރެވޭނީ ހަމައެކަނި ރައްކާތެރިކަމުގެ ނިޒާމުތަކެއް ގާއިމުކޮށްގެން ނޫން ކަމަށާއި، މިކަން ކުރެވޭނީ ކަންކަމަށް ސަމާލުވާ، މަޢުލޫމާތު ލިބިފައިވާ، އޯގާތެރި އަދި އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރާ މުޖުތަަމައެއް ބިނާކޮށްގެން ކަމަށެވެ. އަދި ކުޑަކުދިން ރައްކާތެރިކުރުމަކީ ލޯތްބާއި ރައްކާތެރިކަން ފޯރުކޮށްދޭނެ މައިންބަފައިންނާއި، މުދައްރިސުންނާއި، އަދި ރަނގަޅު މަގު ދައްކައިދޭ މުޖުތަމައުގެ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.



