ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ގުޅިގެން ގައުމު ފެހިކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
މި ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވަމުން ރައީސް ވަނީ ތިމާވެށި ހިމާޔަތްކުރުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކުމަށް އެދިވަޑައިގެންފައެވެ.
ސަރުކާރުގެ މައުލޫމާތު ފެތުރުމަށް ބޭނުންކުރާ ”ދަ ފީޑް އެމްވީ“ މެދުވެރިކުރައްވައި ދެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ކޮޕް-26 ސަމިޓުގައި އެމަނިކުފާނު އިއުލާނުކުރެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ހުރިހާ އެންމެން ބައިވެރިވުމަކީ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ހަރަކާތްތަކެއް ހިންގައިދިނުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
”މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަކީ އަޅުގަނޑު ހަމަހުރިހާ ރައްޔިތުންގެ ކިބައިން އެދޭ ކަމެއް. އަދި ހާއްސަކޮށް ޒުވާނުންގެ ކިބައިން އެދެން މިކަމުގައި އިސްނަގައިގެން ރާއްޖޭގައި ގަސް އިންދުމުގެ ހާއްސަ މަސައްކަތްތަކެއް ކުރެއްވުމަށް،“ ރައީސް ވިދާޅުވިއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ އިތުރަށް ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނަވި ހަކަތައަށް ބަދަލުކުރުމުގެ އަމާޒާއި، ރަށްރަށުގައި ހަރުދަނާ ގޮތެއްގައި ކުނި މެނޭޖުކުރެވޭނެ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަކީވެސް ސަރުކާރުގެ އިސް އަމާޒެކެވެ.
ބައިނަލްއަގުވާމީ މައިދާނުގައިވެސް ރާއްޖެއިން އަންނަނީ ތިމާވެށީގެ މައްސަލަތަކުގައި އިސް ދައުރެއް އަދާކުރަމުންނެވެ.
އެގޮތުން މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ރައީސް ޑރ. މުޢިއްޒު ތަފާތު މަންސަތަކުގައި ވަކާލާތު ކުރައްވާފައިވެއެވެ.



