ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުން ރާއްޖޭން ބޭރުގެ އީކޮމާސް ވެބްސައިޓްތަކަށް ފައިސާ ދެއްކޭ އަދަދު ލިމިޓްކޮށްފައި ވީނަމަވެސް، އާންމުކޮށް ބޭނުންކުރާ ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް އެ ލިމިޓްގެ ތެރޭގައި ނުހިމެނޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ޑޮލަރުގެ ތާށިކަމާ ގުޅިގެން ބީއެމްއެލްއިން ވަނީ ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ކޮންމެ މީހަކަށް މަހަކު ކުރެވޭ މުއާމަލާތްތަކުގެ އަދަދު 30 އަށް ލިމިޓްކޮށް، މުޅި ރާއްޖެއަށް ދުވަހު ލިމިޓެއް ކަނޑައަޅައިފައެވެ.
ބީއެމްއެލްއިން ’އެކްސް‘ ގައި ކުރި ޕޯސްޓެއްގައި ބުނީ، ސަބްސްކްރިޕްޝަން ޕޭމަންޓުތައް ’ޑެއިލީ ފޮރިން ސްޕެންޑް‘ ލިމިޓްގައި ނުހިމެނޭނެ ކަމަށާއި، އެފަދަ ޕޭމަންޓުތައް މަނާކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް މީހުންގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް މާޗަންޓުން ޑިކްލައިންކޮށްފައިވާ މައްސަލަ ފާހަގަވެފައިވާ ކަމަށް ބޭންކުން އެއްބަސްވެއެވެ.
ބޭންކުން އިތުރަށް ބުނެފައިވަނީ މިފަދަ މައްސަލަތައް ބަލަމުންދާ ކަމަށާއި، ސަބްސްކްރިޕްޝަން ޕޭމަންޓެއް ޑިކްލައިންވެއްޖެ ނަމަ ބޭންކަށް ގުޅުމަށް އެދޭ ކަމަށެވެ.
މި ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބޭންކުގެ ލިމިޓްތަކަށް މި މަހުގެ ފަހުކޮޅުން ފެށިގެން ލުޔެއް ލިބޭނެ ކަމުގެ އިޝާރާތެއް ބޭންކުން ދީފައިވާ ކަމަށް ވިދާޅުވެފައެވެ.



