އެމްޓީސީސީއިން ދެމުންގެންދާ ”މާލެ ޓެކްސީ ލައިން“ ގެ ޚިދުމަތް ހޯދުމަށް ބޭނުންކުރާ މޯބައިލް އެޕްލިކޭޝަން، ގޫގުލް ޕްލޭ ސްޓޯރުންވެސް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ.
މި އެޕްލިކޭޝަން އެންމެ ފުރަތަމަ ތަޢާރަފްކުރި އިރު ލިބެން ހުރީ ހަމައެކަނި އެޕަލްގެ އައިއޯއެސް ޑިވައިސްތަކަށެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު އެންޑްރޮއިޑް ފޯނު ގެންގުޅޭ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު މި ޚިދުމަތް ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
”މާލެ ޓެކްސީ“ އެޕްލިކޭޝަން ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެންނެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ދަތުރުތަކަށް އެދުމުގެ އިތުރުން، ދުރާލާ ދަތުރުތައް ތާވަލު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އެގޮތުން ދަތުރު ފެށުމުގެ މަދުވެގެން ތިން ގަޑިއިރު ކުރިން ދަތުރުތައް ތާވަލުކުރެވޭނެއެވެ. މީގެ އިތުރުން، ކަސްޓަމަރުން ކޮށްފައިވާ ދަތުރުތަކާއި ތާވަލުކޮށްފައިވާ ދަތުރުތަކުގެ ތަފްޞީލުވެސް އެޕްލިކޭޝަނުން ފެންނަން ހުންނާނެއެވެ.
ފައިސާ ދެއްކުމުގައިވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އެޕްލިކޭޝަންގައިވާ ”ވޮލެޓް” އަށް ފައިސާ ޖަމާކޮށްގެންނާއި، ބޭންކް ގޭޓްވޭ މެދުވެރިކޮށް ކާޑުން ފައިސާ ދެއްކުމުގެ އިތުރުން، ”ސްކޭން އެންޑް ޕޭ“ ގެ ޚިދުމަތްވެސް ބޭނުންކުރެވޭނެއެވެ.
ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކުއްލި ޙާލަތްތަކުގައި ބޭނުންކުރެވޭނެ ”އިމަޖެންސީ ފީޗާ”އެއްވެސް މި އެޕްލިކޭޝަންގައި ވަނީ ހިމަނާފައެވެ. އަދި އެޕްލިކޭޝަން މެދުވެރިކޮށް ޑްރައިވަރަށް ގުޅުމާއި މެސެޖުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިފައިވާނަމަ، އެޕްލިކޭޝަން މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
މާލެ ޓެކްސީ ލައިނަކީ ގްރޭޓާ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތީން ފެށި ޚިދުމަތެކެވެ.
އެމްޓީސީސީން ބުނީ އެޕްލިކޭޝަންގެ އިތުރުން، ވެބްސައިޓް މެދުވެރިކޮށާއި ހޮޓްލައިން ނަންބަރު 1655އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރެވޭނެ ކަމަށެވެ.




