މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ދިވެހި ޙާޖީންނަށް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ ލަފާފުޅާއި އިރުޝާދުފުޅުގެ ދަށުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޙައްޖުގެ ކަންތައްތައް ކާމިޔާބުކަމާއެކު ނިމިގެން ދިއުމާ ގުޅިގެން ރައީސަށް ޝުކުރު އަދާކުރައްވަމުންނެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރައީސް ޑރ. މުޢިއްޒަކީ ރާއްޖޭގައި އިސްލާމީ ދާއިރާ ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ބޭފުޅެކެވެ. އެގޮތުން ޙައްޖުވެރިންގެ ކަންތައްތަކުގައި ބޭއްވެވި ގާތްކަމާއި، ދެއްވި ހިތްވަރަކީ މި އަހަރުގެ ޙައްޖު އޮޕަރޭޝަން ކާމިޔާބުވުމުގެ މައިގަނޑު އެއް ސަބަބު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަޢޫދީ ސަރުކާރުން ދިވެހިރާއްޖެއަށް ’މައްކާ ރޫޓް އިނީޝިއޭޓިވް‘ ގެ ޚިދުމަތް ދިނުމަށް ނިންމި ނިންމުމަކީ ޙައްޖުގެ އިންތިޒާމުތަކަށް ލިބުނު ބޮޑު ކުރިއެރުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޙައްޖު ކޯޕަރޭޝަނުން ކުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިންނަށް ފަސޭހަކަމާއެކު ޙައްޖުގެ އަޅުކަން އަދާކުރެވޭނެ ފުރިހަމަ އިދާރީ ނިޒާމެއް ރާއްޖޭގައި ޤާއިމުވެފައިވާކަން އެ ކޯޕަރޭޝަނުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. މި މަސައްކަތުގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލާއި، މުވައްޒަފުންނާއި، ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން އެހީތެރިން ކުރެއްވި މިންނެތް މަސައްކަތަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޙައްޖާއި ޢުމްރާ ސެކްޝަނުގެ މުވައްޒަފުންނާއި، މައްކާގައި ޤާއިމުކުރެވުނު ރާއްޖޭގެ ޙައްޖު މިޝަނުން ކުރި މަސައްކަތްތައްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ޙައްޖުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ދިޔައީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ވެދެއްވި އެހީތެރިކަމުގެ ސަބަބުން ކަމަށެވެ.
އެގޮތުން ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލު ސުޢޫދުއާއި ވަލީ އަޙްމު ޕްރިންސް މުޙައްމަދު ބިން ސަލްމާނަށާއި، އެ ޤައުމުގެ ކަމާބެހޭ ވުޒާރާތަކުން ދިވެހި ޙާޖީންނަށް ވެދެއްވި ޚާއްޞަ ސަމާލުކަމަށްޓަކައި މިނިސްޓަރު ޝުކުރު ދެންނެވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޙައްޖާއި ޢުމްރާގެ ނިޒާމު އިތުރު ހަރުފަތަކަށް ގެންގޮސް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރައްވާނެ ކަމަށެވެ.





2 Comments
ނޫނޭ ވާ ސާބަސް
ނޫނޭ ވާ ސާބަސް. ސަނާކިއުން ވެސް ލަފަޔާ އިރުޝާދާ އެއްގޮތަށް