މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިކަން އިޢުލާނުކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވި ގޮތުގައި، ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ އެންމެ ބޮޑު ހުރަހަކީ މާލީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނުލިބުމާއި، އަހަރުން އަހަރަށް ޔަޤީންކަމާއެކު ލިބޭނެ ބަޖެޓެއް ނެތުމެވެ. އެހެންކަމުން، ގްރީން ފަންޑުން ކަނޑައެޅޭ މި ފައިސާއަކީ ކޮންމެ އަހަރަކު ޢާއްމުކޮށް ތިމާވެށީގެ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާގެ އިތުރުން ޚަރަދުކުރެވޭނެ ފައިސާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފައިސާ މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތައް ބެލެހެއްޓުމަށާއި، އެފަދަ ތަންތަނަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތަކަށެވެ. މީގެ އިތުރުން ތިމާވެށީގެ ދިރާސާތައް ކުރުމަށާއި، މި ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، މަދަނީ ޖަމްޢިއްޔާތަކާއި ސްކޫލްތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން ހިންގާ ޕްރޮގްރާމްތަކަށްވެސް މި ފައިސާ ޚަރަދުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ބަދަލާއެކު ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ދުރުރާސްތާގެ މަޝްރޫޢުތައް އެކުލަވައިލައި ތަންފީޒުކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ނާޒުކު ތިމާވެށި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރުކަމަށްވާ ”އަ ގްލޯބަލް ކޯލް ފޯރ ކްލައިމެޓް އެކްޝަން“ އަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އާދަޔާ ޚިލާފަށް މޫސުން ގޯސްވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތަކާއި ކަނޑުގެ ދިރުންތަކަށް ލިބެމުންދާ ގެއްލުންތަކަކީ މިއަދުގެ ދުނިޔޭގެ ޙަޤީޤަތް ކަމަށެވެ. މިކަންކަން ބަދަލުކުރެވޭނީ ބައިނަލްއަޤުވާމީ ގޮތުންނާއި ޤައުމީ އަދި ފަރުދީ ފެންވަރުގައި ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ޚިޠާބު ނިންމަވާލެއްވީ ރާއްޖޭގެ އިޤުތިޞާދާއި ދިރިއުޅުން ޤުދުރަތީ ވެށްޓާ ގުޅިފައިވާ މިންވަރު ހަނދާންކޮށްދެއްވަމުންނެވެ.
ރާއްޖެއަކީ ދުނިޔޭގެ މަޤުބޫލު މަންޒިލަކަށް ވެފައިވަނީ ރަށްތަކުގެ ފެހިކަމާއި، ހުދު ދޮންވެލި ގޮނޑުދޮށްތަކާއި، ސާފު މޫދާއި ފަރުތަކުގެ ސަބަބުންކަން ފާހަގަކުރައްވައި، އެ ތަންތަން ރައްކާތެރިކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.




