ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ފިޗުން މަތިކުރުމަކީ ސަރުކާރުން އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
ފިޗުން ވަނީ މިދިއަ ހަފުތާގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ’ސީސީ’އިން، އޭގެ ޖެހިގެން އޮންނަ މަތީ ރޭޓިން ކަމަށްވާ ’ސީސީސީ މައިނަސް’އަށް މަތިކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި އޭރުގެ ހާލަތަކީ ރައްޔިތުންނަށް އުފާފާޅުކުރެވޭ ފަދަ ހާލަތެއް ނޫން ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުރީ ސަރުކާރުން ހަވާލުކުރި ބަލިކަށި އިޤްތިޞާދު އަލުން ބިނާކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން ސަރުކާރުން ކުރި ހަރުދަނާ ބުރަ މަސައްކަތުގެ ސަބަބުން ފިޗް ރޭޓިން މަތިވުމުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށާއި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ރާއްޖެއާ، ރާއްޖޭގެ އިޤްތިޞާދާ މެދު ދެކޭގޮތް މާލީ އިދާރާތަކުންނާއި ތަރައްޤީގެ ބައިވެރިންގެ މެދުގައި ރަނގަޅުވުން ކަމަށް މުންދު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، ބައެއް ފަރާތްތަކުން ރާއްޖެ ބަނގުރޫޓުވުމަށް އެދި ދުޢާކުރާ ފަދަ މޭރުމަކުން ވާހަކަދައްކަމުންދާ ކަމަށެވެ. އަދި މީޑިއާތަކުގައި ތަކުރާރުކޮށް ދައްކަމުންދާ ’ޑޫމްސްޑޭ‘ ސިނާރިއޯތަކަކީ ޒިންމާދާރުކަން ކުޑަ އަމަލުތަކެއްގެ ގޮތުގައި މުންދު ސިފަކުރެއްވިއެވެ.
މުންދު ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވެއްޖެ ނަމަ އޭގެ ގެއްލުން ލިބޭނީ ހަމައެކަނި މިއަދުގެ ސަރުކާރަށް ނޫން ކަމަށާއި، އެއީ މުޅި ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށެވެ.




