ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުފޮޮށިތަކުގެ ކިޔު ހަވީރު 5:00 ޖެހުމާއެކު ބަންދުކޮށްފިއެވެ.
މި އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާފައިވާއިރު، ކުރިން ނިންމާފައި އޮތީ ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ.
ނަމަވެސް ވޯޓުލާން ގިނަ އަދަދެއްގެ މީހުން ކިޔޫގައި ތިބުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފައެވެ. ކޮމިޝަނުން ބުނީ ކިޔޫ ބަންދުކުރި ނަމަވެސް، އެ ވަގުތާ ހަމައަށް ކިޔޫގައި ތިބި މީހުން ވޯޓުލާ ނިމުމުން ވޯޓުފޮށިތައް ބަންދުކުރާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ހަވީރު 4:00 އާ ހަމައަށް ޖުމްލަ 2,563 މީހުން ވަނީ ވޯޓުލާފައެވެ. މީގެ ތެރޭގައި ހިމެނެނީ 1,193 ފިރިހެނުންނާއި 1,370 އަންހެނުންނެވެ. މިއީ މި ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 62.19 އިންސައްތައެވެ. މި އިންތިޚާބުގައި ޖުމްލަ 4,121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 2,073 އަންހެނުންނާއި 2,048 ފިރިހެނުންނެވެ.
ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ޖުމްލަ 7 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބެހެއްޓި 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބެހެއްޓި 5 ފޮއްޓެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުން ކަމަށެވެ. އަދި ވޯޓު ގުނުމުގެ ކަންކަން ނިމުނުހާ އަވަހަކަށް އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރާނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.




