ރާއްޖޭގެ ކްރެޑިޓް ރޭޓިން ފިޗްއިން ދަށްކުރީ މި ސަރުކާރުގެ ސަބަބުން ނޫން ކަމަށާއި، އެއީ ކުރީ ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދަރަނި އޮތް މިންވަރާއި، އެ ދަރަނި އަދާކުރަން ކުރަންޖެހުނު ކަންތައްތަކަކީ ރޭޓިންއަށް އަސަރުކުރި މައިގަނޑު ސަބަބުތަކެވެ.
”ދަށްވި ދަށްވުމަކީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ދަށްވި ކަމެއް ނޫން. އެއީ އަޅުގަނޑުމެން ހަވާލުވިއިރު ދަރަނި އޮތް މިންވަރު، ދަރަނި އަދާކުރަން އަޅަންޖެހުނު ފިޔަވަޅުތަކާއި އެފިޔަވަޅުތަކުގެ ބޮޑުކަން އަދި ދަރަނި ނަގާފައި އޮތް ގޮތްވެސް މުހިއްމުވޭ. ދަރަނި އެކަށައެޅިފައިހުރި ވަގުތުތައްވެސް ވަރަށް މުހިއްމު. ވަރަށް ގިނަ ދަރަނިތައް ދައްކަން ހުރީ ފައްތަރުވާ ގޮތަށް،“ މުންދު ވިދާޅުވިއެވެ.
ސަރުކާރުން ވެރިކަމާ ހަވާލުވި 2023 ވަނަ އަހަރުގެ ފަހުކޮޅުވެސް، 2026 ވަނަ އަހަރަކީ ދަރަނި އަދާކުރުމުގައި ބޮޑު ގޮންޖެހުމަކަށް ވާނެކަން އަންދާޒާ ކުރެވުނު ކަމަށް މުންދު ވިދާޅުވިއެވެ. އެއީ ހުރިހާ ދަރަނިތަކެއްގެ ރީޕޭމަންޓްތައް އެ އަހަރާ ފައްތަރުވާތީ ކަމަށް މުންދު ތަފްސީލުކޮށްދެއްވިއެވެ.
މުންދު ވިދާޅުވީ، އުއްމީދަކީ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ރޭޓިން އަދި އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ.



