ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުފޮޮށިތަށް ބަންދުކޮށް ވޯޓު ގުނަން ފަށައިފިއެވެ.
މި އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާފައިވާއިރު، ކުރިން ނިންމާފައި އޮތީ ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ.
ނަމަވެސް ވޯޓުލާން ގިނަ އަދަދެއްގެ މީހުން ކިޔޫގައި ތިބުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ހަވީރު 4:00 އާ ހަމައަށް ޖުމްލަ 2,563 މީހުން ވަނީ ވޯޓުލާފައެވެ. މީގެ ތެރޭގައި ހިމެނެނީ 1,193 ފިރިހެނުންނާއި 1,370 އަންހެނުންނެވެ. މިއީ މި ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 62.19 އިންސައްތައެވެ. މި އިންތިޚާބުގައި ޖުމްލަ 4,121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 2,073 އަންހެނުންނާއި 2,048 ފިރިހެނުންނެވެ.
ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ޖުމްލަ 7 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބެހެއްޓި 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބެހެއްޓި 5 ފޮއްޓެވެ.



