ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ސޯދިގް (ސޯބެ) ކާމިޔާބުކުރައްވައިފިއެވެ.
ސޯބެ މި އިންތިހާބު ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަހުމަދު ސައީދު (ސޮޑާ) އާއި ވާދަކޮށްގެންނެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ސޯބެ ވަނީ އައްޑޫގައި ބެހެއްޓި ގިނަ ފޮށިތަކަކުން ކުރި ހޯދައިފައެވެ. އަދި މާލޭގައި ބެހެއްޓި ދެ ފޮށީގެ ތެރެއިން އެއް ފޮއްޓަކުން ތަފާތު ބޮޑުކޮށް ކުރި ހޯއްދެވިއެވެ. އެކަމަކު، މި ދެ ބޭފުޅުންގެ ޖުމްލަ ވޯޓުގައި މާ ބޮޑު ފަރަގެއް އޮތް ކަމަކަށް ނުދައްކައެވެ.
އައްޑޫ ސިޓީގެ މޭޔަރުގެ މަގާމު މީގެކުރިން ތިން ދައުރު ފުރުއްވި ސޯބެ މި ގޮނޑި ކާމިޔާބު ކުރެއްވުމާއެކު، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 13 އަށް އިތުރުވެފަ އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެމްބަރުންގެ އަދަދު މިވަގުތު އުޅެނީ 74 ގަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ.
ސިނާނަށް ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ.



