ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފ. ނިލަންދޫ ގައި ފާހަގަކޮށްފި އެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ ހަތް ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހެވެ. މިއަހަރުގެ މިދުވަހުގެ ޝިޢާރަކީ ”ފްރޮމް ބަރޑަން ޓު ސޮލިއުޝަން – ސޭފް ފުޑް އެވްރިވެއަރ“ އެވެ.
މިއަހަރުގެ ޝިޔާރާއި ގުޅިގެން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ރައްކާތެރިނޫން ކާބޯތަކެތީގެ ސަބަބުން އިންސާނުންގެ ދުޅަހެޔޮކަން ގެއްލި، އެކި ބަލިތަކަށް މަގުފަހިވާކަމާއި، ކާބޯތަކެތީގެ ސަބަބުން ޖެހޭ ބަލިތައް މަދު ކުރުމަށް ރައްކާތެރިކާބޯތަކެތީގެ މާހައުލެއް ގާއިމުކުރުމުގެ މުހިއްމުކަމާއި އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ސައިންޓިފިކް ހޯދުންތަކުގެ ބޭނުންހިފައި، ހަރުދަނާ ނިންމުންތަކެއް ނިންމުމުގެ މުހިއްމު ކަމުގެ މައްޗަށެވެ.
މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މުހިންމުކަންއާންމުންނަށް ވިސްނުވައި ދިނުމާއި، ކާބޯތަކެތީގެ ޒަރީޢާއިން ޖެހޭ ބަލިތަކާ މެދުހޭލުންތެރިކުރުމާއި، ރައްކާތެރި ކާބޯތަކެތި އެންމެންނަށް ލިބިދިނުމަށް މަގުފަހިކުރުމެވެ.
ދުވަހާއި ގުޅިގެން ނިލަންދޫގައި އެކި ހަރަކާތްތައް ވަނީ ބާއްވާފައެވެ. މިގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް ނިލަންދޫގައި ދޮރުން ދޮރަށްހަރަކާތެއް ވެސް ވަނީ ބާއްވާފައެވެ. މި ހަރަކާތުގައި ގޭގައި ރައްކާތެރި ކާމާއިއެކު ކާބޯތަކެތި ތައްޔާރުކޮށް ބޭނުންކުރާނެ އުސޫލުތަކާއި އާދަތައް އާންމުންނަށް ކިޔައިދިނުން ކުރިއަށް ގެންދިޔައެވެ.
އަދި ސުކޫލު ކުދިންނަށް ޙާއްސަކޮށްގެން އެސެމްބުލީއެއް ވަނީ ބާއްވާފައެވެ. މި އެސެމްބްލީގައި ކާބޯތަކެތީގެ ރައްކާތެރި ކަމަށް ކުރަންޖެހޭ އެންމެންހާ މުހިއްމު ކަންތައްތަކަށް އަހުލުވެރިކުރުން ކުރިޔަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުން ދުވާހައި ގުޅިގެން ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ. އަރިހުގައި ނިލަންދޫ ދާއިރާގެ އިޒަތްތެރި މެންބަރު ފާތިމަތު ސައުދާ އާއި ކައުސިލްގެ ރައީސްގެ އިތުރުން މިނިސްޓްރީ އާއި ރަށުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.


