ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 1 ގައި ޚާއްސަ ’ކާމް ރޫމް’ އެއްއެމްއޭސީއެލްއިން ހުޅުވައިފިއެވެ.
ޓަރމިނަލް 1 ގައި މިއަދު ބޭއްވި ހަފުލާއެއްގައި މި ކާމް ރޫމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދުއެވެ.
މިހަފުލާގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، އޯޓިޒަމް ކެއާ މޯލްޑިވްސް އަދި މި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއޭސީއެލްއިން ބުނިގޮތުގައި، މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން،ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ޚާއްސަ އިންތިޒާމުތަކެއް ފޯރުކޮށްދިނުމާއެކު، އެ ފަރާތްތަކުގެ ދަތުރުގެ މާހައުލަކީ އެންމެ އެކަށީގެންވާ ޚިދުމަތެއް ލިބިގެންދާ މާހައުލަކަށް ހެދުމުގެ މުހިންމު އަމާޒަށް ވާސިލްވުމަށް އެމް.އޭ.ސީ.އެލްއިން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.
”ބޮލި“ މި ނަމުގައި ތަޢާރަފްކުރެވުނު މި ޚިދުމަތުގެ ދަށުން، ޚާއްސަ އިންތިޒާމްތަކާއެކު ކާމް ރޫމްގެ ޚިދުމަތް ފަސިންޖަރުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލް އިން އިތުރަށް ބުނިގޮތުގައި، ދުނިޔޭގެ ގިނަ އެހެނިހެން އެއަރޕޯޓުތަކުގައި ހިންގާ މިފަދަ ޕްރޮގްރާމްތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ’ބޮލި‘ ޕްރޮގްރާމްގެ ދަށުން ތަރައްގީ ކުރި ކާމް ރޫމަކީ ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް އެއަރޕޯޓުގެ މާހައުލުގެ ސަބަބުން އުފެދޭ ނުތަނަވަސްކަން ކުޑަކޮށް، ހިތްހަމަޖެހުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ސެންސަރީ ވަސީލަތްތައް ޤާއިމްކުރެވިފައިވާ ތަނެކެވެ.

މި ކާމް ރޫމްގައި ފނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކާއިގުޅޭ ތަފާތު ސެންސަރީ އައިޓަމްތަކާއި، އެކްޓިވިޓީސްތަކުގެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ. ހަމައެއާއެކު، ފަސިންޖަރާއެކު އަންނަ ކޮންމެވެސް އެއް ބެލެނެވެރިއަކަށްމަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުވެސް ކާމް ރޫމްގައި ހަމަޖެހިފައި ހުންނާނެއެވެ. މި ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚާއްސަ ލެންޔާޑަކާއެކު ކާޑެއް ލިބިގެންދާނެއެވެ. މި ލެންޔާޑުގެ ސަބަބުން، އެ ފަސިންޖަރަކީ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއްކަން ދެނެގަންނަން ފަސޭހަވެ، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެއެވެ.
އެމްއޭސީއެލްއިން ބުނީ، އެ ކުންފުނީގެ އަމާޒަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކަކީވެސް ކޮންމެ ފަސިންޖަރަކަށްމެ ފަސޭހަކަމާއެކު ބޭނުންކުރެވޭނެ، މިހާރަށްވުރެ ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުން ކަމަށެވެ.



