ޢިމާރާތްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދުތަކަށް ރަށު ކައުންސިލުތައް އަހުލުވެރިކުރުވުމުގެ ޚާއްޞަ ޕްރޮގްރާމެއް ކޮންސްޓްރަކްޝަން މިނިސްޓްރީން ފަށައިފިއެވެ.
މި ޕްރޮގްރާމް ފެށުމަށް މިއަދު ހެނދުނު ޝީ ބިލްޑިންގގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޔޫސުފް ސިދުޤީއެވެ.
މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ބ، ޅ، ކ، އއ، އދ އަދި ވ. އަތޮޅުގެ ރަށު ކައުންސިލްތަކަށެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޢިމާރާތްކުރުމުގެ ޤާނޫނާއި ޤަވާއިދުތަކަށް ކައުންސިލް މުވައްޒަފުން އަހުލުވެރިކުރުވުމެވެ. މީގެ ސަބަބުން ރަށްރަށުގައި ކުރިޔަށްގެންދާ ޢިމާރާތްކުރުމުގެ މަޝްރޫޢުތައް ޤާނޫނީ އިމުގެ ތެރެއިން ހަރުދަނާކަމާއެކު ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މި ސެޝަންތަކުގައި ޢިމާރާތް ކުރުމުގެ ހުއްދަތައް ނެގުމާއި، ކުރެހުން ފާސްކުރުމާއި، މަޝްރޫޢުތަކަށް ލައިސަންސް ދިނުމާ ގުޅޭ ތަފްޞީލީ މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. މީގެ އިތުރުން، ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާއިދާއި، ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވޭނެއެވެ.
ޚާއްޞަ ގޮތެއްގައި ޕްލޭނިންގ ޤަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީގޮތުގެ ޤަވާއިދާއި، އެޤަވާއިދުގެ ދަށުން ކުރެހުން ފާސްކުރުމާއި ހުއްދަތައް ދޫކުރާނެ ގޮތްތަކަށް މި ޕްރޮގްރާމުގައި އަލިއަޅުވާލެވޭނެއެވެ. އަދި ޤަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެ އުސޫލުތަކާއި ކޮންޓްރެކްޓަރުންގެ ޒިންމާތަކާ ގުޅޭ މަޢުލޫމާތުވެސް ފޯރުކޮށްދެވޭނެއެވެ.
އިމާރާތް ކުރުމުގެ ޤާނޫނުގެ އެންމެ މުހިންމު އެއް މަޤުސަދަކީ، އިމާރާތްކުރުމުގެ މަސައްކަތްތައް އަމާންކަމާއި ރައްކާތެރިކަމާއެކު ވަކި ފެންވަރެއްގައި ކުރިއަށްދާކަން ކަށަވަރު ކުރުމެވެ.
މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޒިންމާތަކާއި ޙައްޤުތައް ސާފުކޮށް ކަނޑައަޅައި، އިމާރާތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ނޭޝަނަލް ބިލްޑިންގ ކޯޑު އެކުލަވައިލުމަކީވެސް މި ޤާނޫނުން ލާޒިމުކުރާ މުހިންމު ކަމެކެވެ.




