މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަ ސެގްމަންޓުތަކުގެ އައު ނަރުދަމާ އަދި ފެން ހޮޅިތައް ގުޅާލުމުގެ މަސައްކަތް މިހަފުތާތެރޭ ނިންމާލެވޭނެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން އެ މަގުގެ ތިން ސެގްމެންޓެއްގެ މަސައްކަތް އެއްފަހަރާ ދަނީ ކުރިއަށް ގެންދަމުންނެވެ.
މާލެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ސެގްމަންޓު 2، 3 އަދި 4 ގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރެއިން ބޮޑުތަކުރުފާނު މަގު ފުޅާކޮށް، އެއްގަމު ތޮށި ބޭރަށް ޖެއްސުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުގެ ހުރިހާ މަސައްކަތެއް ނިންމާލާނީ ތާރުއަޅައިގެން ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
މަސައްކަތުގެ އަދާހަމަ ހިއްސާކުރައްވަމުން އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެއްގަމު ތޮށީގެ 463 މީޓަރުގެ ކެޕިން މަސައްކަތާއި 150 މީޓަރުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މަގު ފުޅާކުރުމަށްފަހު އަޅާ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ 87 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
މީގެ އިތުރުން ދުވާރު ހެދުމާއި، މައި ފެންހޮޅި ވަޅުލުމާއި، ދުވާރުގެ އަރިމަތީ ގާއެޅުމުގެ އިތުރުން ކޭބަލް ޖަންކްޝަންތަކާއި ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ވެސް ދަނީ ބާރު ދުވެލީގައި ކުރިއަށެވެ. ތާރު އެޅުމުގެ ކުރިން މަގު އެއްވަރުކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.
އެމްޓީސީސީގެ އަމާޒަކީ މި މަހުގެ ނިޔަލަށް ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެއްކޮށް ނިންމާލުމެވެ.
މި މަޝްރޫޢު ނިމޭއިރު ބޭންކް އޮފް ސިލޯން ކުރިމަތިން 500 އަށްވުރެ ގިނަ ސައިކަލު ޕާކު ކުރެވޭނެ ބޮޑު ޕާކިންގ ސަރަހައްދެއް ތަރައްޤީ ކުރެވޭނެއެވެ. މިކަމަށްޓަކައި ބަނދަރުން 98 މީޓަރު ދިގު އަދި 28 މީޓަރު ފުޅާ ސަރަހައްދެއް ވަނީ ހިއްކާފައެވެ. އަދި މަގު ފެހިކުރުމުގެ ގޮތުން، މަސައްކަތް ފެށުމަށް ނެގި ގަސްތައް އަލުން އިންދުމުގެ މަސައްކަތް ވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.
މި މަޝްރޫޢުގެ ދަށުން މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ މާލޭގެ ލޯކަލް މާރުކެޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް ސަރަހައްދުގައެވެ.



