މި މަހުގެ 11 ގައި ފައްޓާ ފީފާ ވޯލްޑް ކަޕުގައި ވާދަކުރާ އީރާނުގެ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ވިސާ ދިން ނަމަވެސް، ޓީމުގެ އޮފިޝަލުން އެމެރިކާއަށް އެތެރެވުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އީރާނުން ހާމަކޮށްފިއެވެ.
މި މައްސަލައިގައި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން މެދުވެރިއަކަށްވެ ހައްލެއް ހޯދައިދިނުމަށް އީރާނުގެ އެމްބަސީން ވަނީ އެދިފައެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ މި މުބާރާތުގެ ޖާގަ އީރާނުން ހޯދީ 2025 ވަނަ އަހަރުގެ މާރިޗު މަހު ކުޅުނު މެޗުތަކުގެ ކޮލިފައިން ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. މިއީ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް މުބާރާތް ބާއްވާ ޤައުމަކުން އެ ޤައުމަކާ ހަނގުރާމަ ކުރަމުންދާ ޤައުމެއްގެ ޓީމަކަށް މަރުހަބާ ކިޔާ ފުރަތަމަ ފަހަރެވެ.
މި ހާލަތާ ގުޅިގެން އީރާނުން ވަނީ އެ ޤައުމުގެ ޓްރޭނިން ބޭސް އެމެރިކާގެ އެރިޒޯނާއިން މެކްސިކޯއަށް ބަދަލުކޮށްފައެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ބުނެފައިވަނީ، އެމެރިކާގެ ރައްޔިތުންނާއި މުބާރާތަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެފަރާތުން ދެގޮތެއް ނުވެ ސާބިތުވެ އޮންނާނެ ކަމަށެވެ. އަދި މުބާރާތް ބާއްވާ 11 ސިޓީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ބީބީސީއަށް ދިން ބަޔާނެއްގައި ބުނެފައިވެއެވެ.
މި މައްސަލައިގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އީރާނުގެ އަސްކަރިއްޔާގެ ބާރުގަދަ ގޮތްޕެއް ކަމަށްވާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސްއާ ގުޅުންހުރި އެއްވެސް މީހަކަށް އީރާނުގެ ފުޓްބޯޅަ ވަފުދުގައި ހިމެނިގެން އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.
އީރާނު ޓީމުގެ ބައެއް ކުޅުންތެރިންނަކީ އެ ޤައުމުގައި ކޮންމެހެން ފުރިހަމަކުރަންޖެހޭ އަސްކަރީ ޚިދުމަތް އެ ޖަމާއަތުގެ ދަށުން ފުރިހަމަކޮށްފައިވާ ފަރާތްތަކެކެވެ.
މި މުބާރާތުގެ ގްރޫޕް ޖީގައި ހިމެނޭ އީރާނުގެ ފުރަތަމަ މެޗުގައި ނިކުންނާނީ ނިއުޒިލެންޑާ ދެކޮޅަށެވެ. އޭގެ ފަހުން ކެލިފޯނިއާގައި ބެލްޖިއަމާ ދެކޮޅަށް ކުޅޭއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސިއަޓަލްގައި ބައްދަލުކުރާނީ މިސްރާ ދެކޮޅަށެވެ.



