މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރަން 2014 ވަނަ އަހަރު ފެށިފަހުން ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ވުޒާރާތަކުން އަމިއްލަ އިސްނެގުމަށް ހާމަކުރަން ގާނޫނުން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ހާމަކުރެވުމަކީ ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރު ހިންގުމަށް ކުރައްވާ މަސައްކަތްޕުޅުގައި ކުރިއަށް އެޅުއްވުނު މުހިއްމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެގޮތުން 2014 ވަނަ އަހަރު އެ ގާނޫނަށް އަމަލުކުރަން ފެށިފަހުން އެ ގާނޫނުގައި ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުގެ ގޮތުގައި ކަނޑައަޅާފައިވާ މައުލޫމާތުތައް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ބަރާބަރަށް ހާމަކޮށްފައިނުވެއެވެ. މީގެ ކުރިން ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދު އެކަން ފާހަގަކުރައްވާފައިވެއެވެ.
ރައީސް މުޢިއްޒުގެ އިސްނެންގެވުމަށް އެމަނިކުފާނު އަންގަވައިގެން ގާނޫނުގެ އިމުގެ ތެރެއަށް ފެތުމަށް ރައީސް އޮފީހާއި ސަރުކާރުގެ ހުރިހާ ވުޒާރާތަކުން އެ މައުލޫމާތުތައް ހާމަކުރުމުގެ މަސައްކަތް ފަށައި އިއްޔެ ހުރިހާ ވުޒާރާއަކުން އެ މައުލޫމާތުތައް ހާމަކޮށް ނިންމާފައިވާކަން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު އިއުލާނުކުރެއްވިއެވެ.
އެކަމާ ގުޅިގެން އެކްސްގައި މިއަދު ޝާއިއުކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހުގައިވެސް ރައީސް އޮފީހާއި ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ގާނޫނުގައި އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ސައްތައިން ސައްތަ ހާމަކޮށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މި މައުލޫމާތަކީ ކުރިން އާއްމުންނަށް ވާސިލުވެވޭ ގޮތަށް ފެންނަން ނެތް މައުލޫމާތުކަން ފާހަގަކުރެއްވިއެވެ.




