ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް، އަލްފާޟިލް ޙަސަން ޒަރީރު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.
ޒަރީރު ފިނޭންސް މިނިސްޓަރަކަށް އައްޔަންކުރެއްވީ އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޒަރީރަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި ކޮމިޝަނަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ޒަރީރު ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ، (އައިއައިޔޫއެމް) އިން ބެޗްލާ އޮފް އެކައުންޓިންގެ އިތުރުން މާސްޓާ އޮފް ސައިންސް ފިނޭންސް ހާސިލްކުރައްވައިފައެވެ.




