ދުވަސްނުފުރާ ވިހާ ކުދިންނަށް ހާއްސަ ފަރުވާ ދިނުމުގެ ދާއިރާއިން ސަބް-ސްޕެޝަލިޓީ ހާސިލްކުރެއްވި ރާއްޖޭގެ ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. މުހައްމަދު ފައިސަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހިދުމަތް ކުރައްވަން ފައްޓަވައިފިއެވެ.
ޑރ. ފައިސަލް މި ދާއިރާއިން ސަބް-ސްޕެޝަލިޓީ ފުރިހަމަކުރެއްވީ ސްރީލަންކާއިންނެވެ. ކިޔަވައިވިދާޅުވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.
ނަމަވެސް، ދުވަސްނުފުރާ ވިހާ ކުދިންނަށް ދޭންޖެހޭ ހާއްސަ ފަރުވާތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި އޭނާ މިހާރު ވަނީ އައިޖީއެމްއެޗްއާ ގުޅިވަޑައިގެންފައެވެ.
ދުވަސްނުފުރާ ވިހާ ކުދިންނަށް ފަރުވާ ދިނުމަށް ހާއްސަ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) އެއް ބޭނުންވާއިރު، ރާއްޖޭގައި ކުޑަކުދިންނަށް ފަރުވާ ދިނުމަށް އެންމެ ވަރުގަދަ އައިސީޔޫއެއް ގާއިމްކޮށްފައިވަނީ އައިޖީއެމްއެޗްގައެވެ.
ޑޮކްޓަރެއްގެ ގޮތުގައި ހިދުމަތް ކުރައްވާތާ ވިއްސަކަށް އަހަރު ވެފައިވާ ޑރ. ފައިސަލް ވަނީ މީގެ ކުރިން އޭޑީކޭ ހޮސްޕިޓަލާއި ރާއްޖޭގެ އެކި ރަށްރަށުގެ ހޮސްޕިޓަލްތަކުގައި ވެސް މަސައްކަތް ކުރައްވައި، ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައެވެ.
އައިޖީއެމްއެޗުން ދަނީ އެ ހޮސްޕިޓަލުން ދޭ ހިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅު ކުރުމަށްޓަކައި ތަފާތު އެކި ދާއިރާތަކުގެ ސްޕެޝަލިޓީ ހިދުމަތްތައް ތައާރަފް ކުރަމުންނެވެ. މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ތަފާތު އޮޕަރޭޝަންތައް ވެސް މިހާރު އެ ހޮސްޕިޓަލުގައި ވަނީ ފަށާފައެވެ.




